ތުރުކީވިލާތުގެ އުތުރު ފަރާތު އައްސޭރިފަށުން ކަޅު ކަނޑުން ބޮޑު ގޭސް ވަޅެއް ފެނިފައިވާ ކަމަށް އެ ޤައުމުގެ ރައީސް ރަޖަބް ޠައްޔިބް އެރްދޮޣާން އިއްޔެ ހާމަކުރައްވައިފިއެވެ. މި ގޭސް ވަޅު ފެނިފައިވަނީ ތެލާއި ގޭސް ހޯދުމަށް ކުރަމުން ދިޔަ ދިރާސާތަކެއްގެ ތެރެއިންނެވެ.
މި ގޭސް ވަޅުގައި 75 ބިލިޔަން ކިޔުބިކް މީޓަރުގެ ގޭސް ހުރި ކަމަށް ރައީސް އެރްދޮޣާން ވިދާޅުވިއެވެ. މި ގޭސް ވަޅު ފެނުމާއި ގުޅިގެން ކުރިއަށް އޮތް 3 އަހަރާއި 6 މަސް ދުވަހުގެ މުއްދަތަށް ތުރުކީވިލާތުގެ ގެދޮރަށް ބޭނުންވާ މިންވަރަށް ގޭސް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިސްތަންބޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް އުރްދުޣާން ވިދާޅުވީ، މި ގޭސް ވަޅު ފެނިފައިވަނީ ބިމުގެ ސަތަހައަށް ވުރެ 3,500 މީޓަރު އަޑިން ކަމަށެވެ. އަދި މި ގޭސް ވަޅުގެ އަގު 30 ބިލިޔަން އެމެރިކާ ޑޮލަރު ހުންނާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ތުރުކީވިލާތުން މި އައު ގޭސް ވަޅު ފެނިފައިވަނީ، އެ ޤައުމުގެ ހަކަތައިގެ ދާއިރާ އިތުރަށް ފުޅާ ކުރުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. މިހާރު ތުރުކީވިލާތުގައި ބޭނުންކުރާ ހަކަތައިގެ 90 އިންސައްތަ ހޯދަނީ ބޭރުން އިމްޕޯޓު ކުރާ ވަސީލަތްތަކުންނެވެ. ނަމަވެސް، ހަކަތަ އުފެއްދުމަށް ކުރާ އިމްޕޯޓުގެ މިންވަރު މަދު ކުރުމަށް އެ ޤައުމުގެ ސަރުކާރުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.
މީގެ އިތުރުން، ހަކަތަ އުފެއްދުމަށް ބޭރުގެ އިމްޕޯޓުތަކަށް ބަރޯސާވުން ކުޑަކޮށް، ހަކަތައިގެ ދާއިރާއިން ބޭރު ޤައުމުތަކާ އެކު އޮތް ގުޅުންތައް ހަރުދަނާ ކުރުމަށް ވެސް އުރްދުޣާންގެ ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.