ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ފުލުހުން އިއްޔެ ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ މަސްތުވާތަކެތި ގެންގުޅެ، ވިއްކައި ވިޔަފާރިކޮށް، ބޭނުންކުރާކަމަށް ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ އޮޕަރޭޝަނުގައި މައްޗަންގޮޅި ގެއަކާއި ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ތަންތަން ބަލައި ފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތި ވިއްކައި ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ 7,000 އަށް ވުރެ ގިނަ ދިވެހި ރުފިޔާ އާއި މަސްތުވާތަކެތި ކަމަަށް ތުހުމަތުކުރެވޭ ތަކެތި ފެނިފައިވާ ކަމަށާއި އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 1,058.55 ގުރާމް ކަމަށް ފުލުހުން ބުންޏެވެ.
އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ މއ. ދަގަނޑުކެޑިގެ، ހަސަން ނިމާލު، 44 އާއި ހ. ރީފްވިޔު ހުޅަނގުބައި 3، ޝިފާނާ އަބްދުއްސައްތާރު، 38 އެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ..









