ޓެލެގްރާމް އެކައުންޓްތައް ކޮމްޕްރޮމައިޒް ވާތީ, އެކަމަށް ސަމާލުވުމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން މިއަދު އިލްތިމާސްކޮށްފި އެވެ.
އެ ސެންޓަރުން ބުނީ ޓެލެގްރާމް މެދުވެރިކޮށް ސްކޭމަރުން ޔޫސަރުންގެ އެކައުންޓްތައް ކޮމްޕްރޮމައިޒްކުރުމަށްޓަކައި މަސައްކަތްކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ސްކޭމަރުން މިހާރު ބޭނުންކުރާ އުކުޅުތަކުގެ ތެރޭގައި ފޯނުގައި "ތިޔަބޭފުޅާގެ ފޮޓޯތަކެއް ވެބްސައިޓެއްގައި އެބަހުއްޓެވެ" ބުނެ މެސެޖުތައް ފޮނުވުމާއި ޝައްކުވާ ލިންކުތައް ހިމެނުމާއި ވެރިފިކޭޝަން ކޯޑު ހޯދުމަށް މަސައްކަތްކުރުން ހިމެނޭ ކަމަށް އެ ސެންޓަރުން ބުންޏެވެ.
މިފަދަ ކަންކަމުން ރައްކާތެރިވުމަށް އެއްވެސް ލިންކަކަށް ނުފިތުމަށާއި ވެރިފިކޭޝަން ކޯޑު އެއްވެސް ފަރާތަކާ ހިއްސާނުކުރުމުގެ އިތުރުން ދަންނަ މީހެއްގެ ފަރާތުން އައި މެސެޖެއް ކަމަށް ވިޔަސް ސަމާލުވުމަށް އެންޓި ސްކޭމް ސެންޓަރުން ވަނީ އެދިފަ އެވެ.
ސްކޭމްގެ ޝިކާރައަކަށް ވެއްޖެނަމަ އަޅަންޖެހޭ ފިޔަވަޅުއް:
1. ވަގުތުން އީ-މެއިލް އަދި ގުޅުންހުރި އެކައުންޓްތަކުގެ ޕާސްވޯޑު ބަދަލުކުރުން.
2. ޝައްކުކުރެވޭ ކަންތައްތައް ބޭންކް ނުވަތަ ކާޑު ދޫކުރި ފަރާތަށް ރިޕޯޓުކޮށް ބްލޮކްކުރުން.
3. އެންމެހާ މުއާމަލާތުގެ ތަފްސީލާއެކު އެ އެޕްލިކޭޝަނަށް ނުވަތަ ޕްލެޓްފޯމަށް ރިޕޯޓުކުރުން.
4. ފުލުހުންނާއި ކަމާބެހޭ އިދާރާތަކަށް ރިޕޯޓުކުރުން.
5. އެހެން މީހުން ސަމާލުކުރުވުމަށް ތަޖުރިބާ ހިއްސާކުރުން.
ފުލުހުން ބުނީ އޮންލައިން ޝޮޕިން ކުރާއިރު ރައްކާތެރިވުމުގެ ގޮތުން އޮންލައިން ޝޮޕިންއަށް ވަކި އީމެއިލް އެޑްރެހެއް ބޭނުންކުރުމާއި ކްރެޑިޓް ކާޑު ނުވަތަ ވާޗުއަލް ކާޑު ކަހަލަ ރައްކާތެރި ފައިސާ ދެއްކުމުގެ ގޮތްތައް ބޭނުންކުރުމަށް އެދޭ ކަމަށެވެ. އެޕްލިކޭޝަންތައް ޑައުންލޯޑުކުރަނީ ހަމައެކަނި ރަސްމީ ތަންތަނުން (ގޫގުލް ޕްލޭ ސްޓޯ ނުވަތަ އެޕަލް އެޕް ސްޓޯ) ކަން ކަށަވަރުކުރުމުގެ އިތުރުން އިތުރު ރައްކާތެރިކަމަށް އެންޓި-ފިޝިން ސޮފްޓްވެއާއެއް ބޭނުންކުރުމަކީ އެޅިދާނެ ފިޔަވަޅުތަކެއް ކަމަށް ފުލުހުން ބުންޏެވެ.
އޮންލައިން ޝޮޕިން ޕްލެޓްފޯމްތަކުގެ ނަމުގައި ހިންގާ ސްކޭމްތަކާ މެދު ހާއްސަ ސަމާލުކަމެއް ދިނުން މުހިންމު ކަމަށާއި އާންމުން މި ކަމަށް ހޭލުންތެރިވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މިފަދަ ސްކޭމްތަކުން ސަލާމަތްވުމަށް އެޅިދާނެ އެންމެ މުހިންމު ފިޔަވު ކަމަށް ފުލުހުން ބުންޏެވެ.
ސްކޭމްގެ ޝިކާރައަކަށް ވެއްޖެ ނަމަ، ވަގުތުން ފިޔަވަޅު އެޅުމާއި ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓުކުރުމަކީ އެހެން މީހުން ވެސް މިފަދަ ކަންކަމުން ސަލާމަތްކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް ފުލުހުން ބުންޏެވެ.









