ސްޕެޝަލް ކޮންސްޓަބުލަރީ ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ ހަތްވަނަ ބުރު ނިންމުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފި އެވެ.
އިސްކަންދަރު ބިލްޑިންގައި މިއަދު ބޭއްވި އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި, ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަބްދުއްރަހްމާންއެވެ.
ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުގެ މާލޭ ކެމްޕަހުގައި ކުރިއަށް ގެންދިޔަ އެ ކޯހުގައި، ސްޕެޝަލް ކޮންސްޓަބުލަރީ 25 ފުލުހުން ބައިވެރިވި ކަމަށް ފުލުހުން ބުންޏެވެ.
އެއީ ފިރިހެން 16 ފުލުހުންނާއި އަންހެން 9 ފުލުހުންނެވެ.
އެ ކޯހުގައި ސްޕެޝަލް ކޮންސްޓަބުލަރީ ފުލުހުން ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ އަސާސީ ތަމްރީނާއި މުހިންމު ހުނަރުތަކާއި އިލްމު އުނގަންނައިދީފައި ވެއެވެ.
މިދިޔަ އެޕްރީލް މަހުގެ 13 އިން މި މަހުގެ 8 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ ކޯހުގައި، ފިޒިކަލް ޓްރެއިނިން އެންޑް ލައިފް ސްޓައިލް ފިޓްނެސް، ޑްރިލް، ޔޫސް އޮފް ފޯސް އެންޑް ޑިފެންސިވް ޓެކްނިކްސް، ބޭސިކް ފަސްޓް އެއިޑް، ބޭސިކް ފަޔާ ކޮންޓްރޯލް، ލޯ އެންޑް ޕްރޮސީޖްރަލް ނޮލެޖް، ކޮމިއުނިކޭޝަން ސްކިލްސް، ބޭސިކް ޕޮލިސިން ސްކިލްސް އަދި ސެކިއުރިޓީ ސްކިލްސް ކްލާސްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.