ހދ. ހަނިމާދޫ އެއާޕޯޓުން މިދިޔަ އަހަރުގެ ޑިސެންބަރު 14 އިން ފެށިގެން މިހާތަނަށް 215 ފުޅި ބަނގުރަލާއި 4 ބިޔަރު ނުވަތަ ރާ އަޅަފައިވާ ދަޅު އަތުލައިފިއެވެ.
ފުލުހުން ބުނީ މިތަކެތި އަތުލީ އެކި ދުވަސްމަތިން ފަތުރުވެރިންގެ އަތުންނެވެ. ފުލުހުން ވަނީ މިހާރު އެ ހުރިހާ އެއްޗެއް އުޞޫލުގެ ތެރެއިން ނައްތާލާފައެވެ. މި ތަކެތި ނައްތާލާފައިވަނީ މި މަހުގެ 15 ވަނަ ދުވަހު ކަމަށް ފުލުހުންގެ އިދާރާއިން މަޢުލޫމާތު ދެއްވިއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވި ގޮތުގައި މި ތަކެއްޗަކީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 14 ވަނަ ދުވަހުން ފެށިގެން މި އަހަރުގެ މިހާތަނަށް ހަނިމާދޫ އެއާޕޯޓަށް ފުރަން ދިޔަ ފަތުރުވެރިންގެ އަތުން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ނަގައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗެވެ.
ފުލުހުންގެ އިދާރާއިން އިތުރަށް މަޢުލޫމާތު ދެއްވި ގޮތުގައި މި ތަކެތި ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުންނެވެ. އަދި މި މަސައްކަތް ކުރެވިފައިވަނީ އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.