ދައުލަތާއި އާންމުން ހިއްސާވާ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 80 ރުފިޔާ ބަހަން ރޭ ބޭއްވި އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފިއެވެ. މިއީ ހިއްސާ އަކަށް 80 ރުފިޔާ ބަހަން އެ ކުންފުނިން ވިދިވިދިގެން ނިންމި ދެވަނަ އަހަރެވެ.
ބާސެލޯ ނަސަންދުރާގައި ބޭއްވި ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ ތެރެއިން 99.9 ޕަސެންޓު ހިއްސާދާރުންގެ ވޯޓާއެކު މި ނިންމުން ފާސްކުރިއިރު މިއީ ވޭތުވެދިޔަ 17 އަހަރުގެ ތެރޭގައި އެސްޓީއޯއިން ހިއްސާގެ ފައިދާގެ ގޮތުގައި ބަހާފައިވާ އެންމެ ބޮޑު އަދަދުކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ.
އެސްޓީއޯއިން މިދިޔަ މަހު އާންމުކުރި އަހަރީ ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 15.4 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. ނަމަވެސް މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 6 ޕަސެންޓު ދަށް އަދަދެކެވެ. މި ދަށްވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި އެސްޓީއޯއިން ފާހަގަކޮށްފައިވަނީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ހެޔޮ ބަދަލާއި ގުޅިގެން، އެ ކުންފުނިން ވިއްކަމުންދިޔަ ތެލުގެ އަގު ތިން ފަހަރެއްގެ މަތިން ދަށްކުރުމާއި ގުޅިގެން، ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ ދަށްވުމެވެ.
އެސްޓީއޯ ގްރޫޕުގެ މާލީ ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި 16.7 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ތެލުގެ ވިޔަފާރިން ކަމަށްވާއިރު، އެ ދާއިރާއިން 12.1 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ އިންޝުއަރެންސް ވިޔަފާރިން ކަމަށްވާއިރު، އެ ދާއިރާއިން 761 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
އާމްދަނީ ދަށްވުމާއެކު، އެސްޓީއޯއަށް ލިބުނު ޖުމްލަ ފައިދާ ވެސް ވަނީ މިދިޔަ އަހަރު އޭގެ ކުރީ އަހަރަށް ވުރެ 12 ޕަސެންޓު ދަށްވެފައެވެ. މިދިޔަ ވަނަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 2.4 ބިލިއަން ރުފިޔާއެވެ. ޓެކްސްއަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 846 މިލިއަން ރުފިޔާ ލިބިފައިވާއިރު، ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި މިދިޔަ އޒހަރު އޮތީ 741 މިލިއަން ރުފިޔާއެވެ.