ހައްޖަށް ދާއިރު ގިނަ ލުއިތަކެއް ލިބޭ މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުން އިފްތިތާހުކުރުމަށް ބާއްވާ ރަސްމިއްޔާތަށް ސައުދި އަރަބިއްޔާގެ ވަފުދެއް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ހައްޖުވެރިން ފުރުމުގެ އިންތިޒާމުތަކާއި މައްކާ ރޫޓް ތަންފީޒުކުރުމުގެ ތައްޔާރީތަކަށް ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓްރީ އާއި ހައްޖު މިނިސްޓްރީ އާއި އިމިގްރޭޝަންގެ މަތީ ފެންވަރުގެ އެޑްވާންސް ޓީމެއް މިއަދު ރާއްޖެ ވަޑައިގެންފައިވާ ކަމަށެވެ.
މައްކާ ރޫޓް ރަސްމީކޮށް ލޯންޗުކުރުމުގެ ތާރީހީ ހަފްލާ އޮންނާނީ މި މަހުގެ 26 ވާ ހޯމަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގައި ކަމަށް މިނިސްޓްރީން ބުންޏެވެ.
"ލޯންޗްކުރުމުގެ ހަފްލާއަށް ވެސް ސައުދީ އަރަބިއްޔާގެ މަތީފެންވަރުގެ ވަފުދެއް ވަޑައިގަންނަވާނެ،" މިނިސްޓްރީން ބުންޏެވެ.
މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުމާ އެކު، ދަށުން ހައްޖުވެރިން އަމިއްލަ ގައުމުން ފުރުމުގެ ކުރިން، ދެ ގައުމުގެ އިމިގްރޭޝަނުން ކުރަން ޖެހޭ ކަންކަން އަމިއްލަ ގައުމުގެ އެއާޕޯޓުގައި ތިބެ ފުރިހަަމަ ކުރެވޭނެ އެވެ. އެކަމުގެ ސަބަބުން ޖިއްދާގެ އެއާޕޯޓްގެ އިމިގްރޭޝަންގައި ހައްޖުވެރިން މަޑުކުރަން ނުޖެހި ސީދާ ހޮޓަލަށް ދެވޭނެ އެވެ.
ސައުދީ ސަރުކާރުން އެ އިނީޝިއޭޓިވްގައި ރާއްޖެ ހިމަނަން ނިންމީ މި މަހުގެ 10 ވަނަ ދުވަހު އެވެ.
ސައުދީ ސަރުކާރުން މިހާތަނަށް އެ ފުރުސަތު ދީފައި ވަނީ ދުނިޔޭގެ އެންމެ ހަތް ގައުމަކަށެވެ. ރާއްޖެއާ އެކު މިހާރު ޖުމްލަ އަށް ގައުމަކަށް މި ފުރުސަތު ލިބޭނެ އެވެ.
މައްކާ ރޫޓް އިނިޝިއޭޓިވްގައި ހިމެނޭ ގައުމުތަކަކީ މެލޭޝިޔާ، އިންޑޮނޭޝިއާ، ޕާކިސްތާން، ބަންގްލަދޭޝް، ޓިއުނީޝިއާ، މޮރޮކޯ އަދި އައިވަރީ ކޯސްޓް (ކޯޓް ޑި އައިވަރީ)އެވެ.
ހައްޖުވެރިންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ.
މައްކާ ރޫޓް އިނީޝިއޭޓިވް އަކީ އަޅުކަމަށް ސައުދީއަށް އެތެރެވާ މީހުންނަށް ލުއިފަސޭހަ ކުރުމުގެ ގޮތުން 2017 ވަނަ އަހަރު އެ ގައުމުގެ މިނިސްޓްރީ އޮފް އިންޓީރިއާ އިން ދޭން ފެށި ހިދުމަތެކެވެ.









