މި އަހަރުގެ ޙައްޖު މިޝަންގައި ހިމެނިވަޑައިގަންނަވާ މެމްބަރުން ސައުދީ އަރަބިއްޔާއަށް މިއަދު ފުރާވަޑައިގެންފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި އަހަރުގެ ހައްޖު މިޝަންގެ މެންބަރުން ފުރާވަޑައިގެންފައިވާ ކަމަށާއި ހައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން ފުރާ ހާޖީންގެ ކަންކަން ބެލެހެއްޓުމަށް ސަރުކާރުގެ ފަރާތުން ހަރަކާތްތެރި ވާނީ ހައްޖު މިޝަންގެ ބޭފުޅުން ކަމަށެވެ.
ދިވެހި ހާޖީންނަށް ކަންކަން ފަސޭހަކޮށްދިނުމަށް ސައުދީގެ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް އެ މިޝަނުން ކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ރާއްޖެއިން ހައްޖަށް ދާ ހައްޖާޖީންގެ އިންތިޒާމުތައް ރަސްމީ ގޮތެއްގައި ބެލެހެއްޓުމުގެ ގޮތުން އެކުލަވާލި ހައްޖު މިޝަންގައި އެކި ދާއިރާތަކުގެ ބޭފުޅުން ހިމެނޭ ކަމަށެވެ.
އޭގެ ތެރޭގައި މިނިސްޓްރީގެ ހައްޖު ސެކްޝަންގެ ބޭފުޅުންނާއި ހައްޖު ކޯޕަރޭޝަން ތަމްސީލް ކުރައްވާ ބޭފުޅުންނާއި ދީނީ އިލްމުވެރިންނާއި ޑޮކްޓަރަކާއި މިނިސްޓްރީގެ މީޑިއާގެ އިތުރުން ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ބޭފުޅެއް އެ މިޝަންގައި ހިމެނެ އެވެ.
މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން 1،000 މީހުން ދެ އެވެ. ހައްޖުވެރިންގެ ފުރަތަމަ ގްރޫޕަށް ފުރަނީ މި މަހު 26 ގަ އެވެ.









