މޯލްޑިވްސް ބްލަޑް ސަރވިސަސް، "އޮރެންޖު ހިޔާ" ޢިމާރާތަށް ބަދަލުކުރުމުގެ މަސައްކަތް ކުރި ސިފައިންނާއި، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްދަލުކުރައްވައި ޝުކުރު އަދާކުރައްވައިފިއެވެ.
އެމަނިކުފާނު ދިވެހި ސިފައިންނަށް ޝުކުރު އަދާކުރައްވާފައި މިވަނީ، އެކަމަށްޓަކައި މިއަދު ހެނދުނު ބަންޑާރަކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ސިފައިންނާއި މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސްގެ ވާހަކަފުޅުގައި، ދިވެހި ސިފައިންނަކީ، ޤައުމު އެދި ގޮވާލާ ކޮންމެ ކަމެއްގައި، ފަސްޖެހުމެއްނެތި، ހުޝިޔާރުކަމާއި، ޝައުޤުވެރިކަމާ އެކީގައި މަސައްކަތްކުރާ ބައެއްކަމާއި، ސިފައިންނާ ޙަވާލުކުރައްވާ ކޮންމެ މަސައްކަތަކުން ވެސް ހާމަކޮށްދެނީ ދިވެހި ރައްޔިތުންނަށް ޓަކައި ސިފައިންގެ ހިތުގައި އޮންނަ ލޯބިކަމުގައި ވިދާޅުވިއެވެ.
އޮރެންޖު ހިޔާގައި ތެލެސީމިއާ ސެންޓަރު ޤާއިމުކުރުމުގެ މަސައްކަތަކީ ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ކަނޑައެޅިގެން ދިޔަ ކަމެއް ކަމާއި، އެހެންނަމަވެސް އެކަން އެކި ސަބަބުތަކާ ހެދި، ނުކުރެވި އޮއްވައި، ސިފައިންނާއި އެ މަސައްކަތް ހަވާލުކުރެއްވީ ތެލެސީމިއާ ކުދިން އުޅޭ ސީރިއަސް ޙާލަތު އެނގިވަޑައިގެން، އެފަރާތްތަކަށް ވީހާވެސް އަވަހަކަށް، ވީހާވެސް ފުރިހަމަކަމާ އެކު އޮރެންޖު ހިޔާގައި މޯލްޑިވްސް ބްލަޑް ސަރވިސަސް ޤާއިމްކުރެއްވުމުގެ ބޭނުމުގައި ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ސިފައިންނާއި ޙަވާލުކުރެއްވި މަސައްކަތުގައި ސިފައިންގެ އެންމެ މަތީ ލެވެލުން ފެށިގެން ހުރިހާ ލެވެލެއްގައި ބައިވެރިވުން ފެނިގެން ދިޔަކަމާއި، އެތަން ނިންމާލާފައިވަނީ ވަރަށް ފުރިހަމަކަމާ އެކުކަން ފާހަގަކުރައްވައި ރައީސް ޝުކުރު އަދާކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި، ރައީސް ވަނީ މޯލްޑިވްސް ބްލަޑް ސަރވިސަސް "އޮރެންޖު ހިޔާ" ޢިމާރާތަށް ބަދަލުކުރުމުގެ މަސައްކަތް ސިފައިން ކޮށްދެއްވާފައިވާތީ، އެކަމުގެ އަގުވަޒަންކޮށް ހަނދާނީ ފިލައެއް ދިވެހި ސިފައިންނަށް އަރުވާފައެވެ. އެމްއެންޑީއެފްގެ ފަރާތުން މި ފިލައާއި ޙަވާލުވެވަޑައިގެންނެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. އަދި، މި މަސައްކަތުގައި ހަރަކާތްތެރިވި ސިފައިންނަށް ރައީސް ވަނީ އަގުވަޒަންކުރުމުގެ ލިޔުން ވަކިވަކިން ދެއްވާފައެވެ.
މި ރަސްމިއްޔާތުގައި، ދިފާޢީ ވަޒީރު، އޮނަރަބަލް މުޙައްމަދު ޣައްސާން މައުމޫންއާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، އެ މަސައްކަތުގައި ހަރަކާތްތެރިވި ސިފައިން ބައިވެރިވެލެއްވިއެވެ.