ރައްޔިތުން ބާރުވެރިކުރެވޭނީ އިންތިޚާބީ މަޤާމުތަކުގެ ބޭފުޅުން ދުރުކުރުމުގެ ބާރުވެސް ރައްޔިތުންނަށް ލިބިގެން: ރައީސް

އަައިޝަތު ޒީނާ | 9 ގަޑިއިރު ކުރިން - 15 މޭ 2025 16:40
"ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 6 ވަނަ އެޕިސޯޑުގެ ތެރެއިން. / ފޮޓޯ: ރައީސް އޮފީސް
"ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 6 ވަނަ އެޕިސޯޑުގެ ތެރެއިން. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއަށް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވަން ގަސްތުކުރައްވާ ބައެއް އިސްލާޙުތަކާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ވަކި ޤައުމެއްގައި ކަންކުރާ އުސޫލުން ކަންކަން ކުރަން ނުޖެހޭކަމަށް.

ޙަޤީޤީ މާނާގައި ރައްޔިތުން ބާރުވެރިކުރެވިގެންދާނީ އިންތިޚާބީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުން އެ މަޤާމުތަކުން ދުރުކުރުމުގެ ބާރުވެސް، ރައްޔިތުންގެ އަތް މައްޗަށް ލިބުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 6 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއަށް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވަން ގަސްތުކުރައްވާ ބައެއް އިސްލާޙުތަކާ ބެހޭ ގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ވަކި ޤައުމެއްގައި ކަން ކުރާ އުސޫލުން ކަންކަން ކުރަން ނުޖެހޭ ކަމަށާއި، އެއަށްވުރެ މާ ރަނގަޅަށް، ސީދާ ރައްޔިތުންގެ ބާރުވެރިކަން ވަރުގަދަކުރެވި، ޔަޤީންކަމާއި ކަށަވަރުކަން އިތުރުވާ ކަންކަން ބައްޓަން ކުރެއްވޭނެ ކަމަށެވެ. އެގޮތުން، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން އެކުއެކީގައި ކުރިއަށް ގެންދިއުމުގެ ފައިދާ، ދިވެހިރާއްޖެ ފަދަ ޤައުމަކަށް ބޮޑުކަން، ފުރަތަމަ ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ.

ރިޔާސީ އިންތިޚާބުގެ ވޯޓަކީ ޕްރިފަރެންޝަލް ވޯޓިންގް ނިޒާމުގެ ތެރެއިން ބައްޓަންކުރެވޭ ވޯޓަކަށްވުމަށް ވަކާލާތުކުރައްވާ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ. މިބަދަލާއެކު މިހާރު އޮންނަގޮތަށް، 2 ވަނަ ބުރުގެ ވޯޓަކަށް ދާންނުޖެހޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިކަންކަން މި ގޮތަށް ނިންމުމުން ޚަރަދު ކުޑަވެ، އެފިޝަންސީ އިތުރުވާ ކަމަށާއި، ނަމަވެސް މިކަން ނިންމަވާނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ޕްރިފަރެންޝަލް ވޯޓިންގް ނިޒާމުގެ ސަބަބުން، އެންމެ ގިނަ ރައްޔިތުންގެ ބައިވެރިވުމާ އެކީގައި، އެ ރައްޔިތުން ބޭނުންވާ ކެންޑިޑޭޓަކު ހޮވުމުގެ ފުރުޞަތު މާބޮޑުވާކަމަށް ޤަބޫލުކުރައްވާކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

އާބާދީގެ ނިސްބަތުން ރައްޔިތުން ތަމްސީލުކުރާ މެންބަރުންތަކެއްގެ މައްޗަށް ރައްޔިތުންގެ މަޖިލިސް އެކުލަވައިލަމުންދާ ދިއުމުގެ ސަބަބުން ދައުރަކަށްވުރެ ދައުރެއް، މެމްބަރުންގެ ޢަދަދު އިތުރުވަމުންދާ ދިއުމަށް އިތުރު ގޮތެއް ހޯއްދެވުމުގައި އެމަނިކުފާނު ގެންގުޅުއްވާ ވިސްނުންފުޅުވެސް ރައީސް ވަނީ ޙިއްޞާކުރައްވާފައެވެ. ރައްޔިތުންގެ ރިޕްރެޒެންޓޭޝަން އިތުރުކުރުމަކީ، ޑިމޮކްރަސީގައި ހަމަ ރަނގަޅު ކަމެއް ކަމުގައި ޤަބޫލުފުޅުކުރައްވާކަން ފާހަގަކުރައްވަމުން ރައީސް ވަނީ، 93 އަށް އަރާފައިވާ މަޖިލިސް މެމްބަރުންގެ ޢަދަދު، އެއަށްވުރެ އިތުރު ނުވާނެ ގޮތަކަށް ޤާނޫނު ބަދަލުކުރުމަށް ހުށަހަޅުއްވާފައެވެ.

މީގެ އިތުރުން ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެމްބަރުން އިންތިޚާބު ކުރެވޭ މިންވަރަށްވެސް ބަދަލުތަކެއް ގެނައުމުގެ ވިސްނުންފުޅު، ރައީސް ވަނީ ޙިއްޞާކުރައްވާފައެވެ. އެގޮތުން 2000 އަށްވުރެ މަދު އާބާދީތަކަށް 3 މެމްބަރުން އަދި 2000 އަށްވުރެ ބޮޑު އާބާދީތަކަށް 5 މެމްބަރުން ޢައްޔަންކުރާ ގޮތަށް ބަދަލު ކުރުމާއިއެކު އަތޮޅު ކައުންސިލްތައް އުވާލުމުގެ ވިސްނުންފުޅު ގެންގުޅުއްވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ކައުންސިލްތަކަށް ދޫކުރެވޭ ފައިސާ ޚަރަދުކުރެވެނީ ރައްޔިތުންގެ ލާބައާއި މަންފާއަށްކަން ކަށަވަރުކުރުމަށްޓަކައި ފިނޭންސް މިނިސްޓްރީގެ ދައުރެއް އޮންނަގޮތަށް، ފައިސާގެ ޚަރަދުތައް ބެލޭނެ ގޮތަށް ހައްދަވާނެކަމުގައި ރައީސް ވިދާޅުވިއެވެ.

މި ހުރިހާ ކަމެއްގައިވެސް ރައްޔިތުންގެ ޚިޔާލު ހޯއްދަވަމުން ގެންދަވާނެ ކަމަށާއި، ރައްޔިތުންގެ ފެންނަ، ނުފެންނަ ވޯޓަކަށްވެސް އަހާނެ ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%