ލޯކަލް ކައުންސިލްތަކުގެ %40 އަންހެނުންނަށް ޚާއްސަކުރަނީ

އަައިޝަތު ޒީނާ | 12 ގަޑިއިރު ކުރިން - 15 މޭ 2025 16:36
'ރައްޔިތުންނާ އެކު' ޕޮޑްކާސްޓުގައި ރައީސް ވާހަކަފުޅުދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
'ރައްޔިތުންނާ އެކު' ޕޮޑްކާސްޓުގައި ރައީސް ވާހަކަފުޅުދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރައީސް ވިދާޅުވީ މިފަދައިން ނިންމެވީ އަންހެނުން ބާރުވެރިކުރުވުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން ކަމަށް. މިހާރު އަންހެނުންނަށް ޚާއްސަކޮށްފައިވަނީ ކައުންސިލްތަކުގެ %33 ގޮނޑި.

ލޯކަލް ކައުންސިލްތަކުގެ %40 އަންހެނުންނަށް ޚާއްސަކުރައްވަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ކޮންމެ ހަފްތާއަކު އެމަނިކުފާނު ގެނެސްދެއްވާ 'ރައްޔިތުންނާ އެކު' ޕޮޑްކާސްޓްގައެވެ.

ލޯކަލް ކައުންސިލްތަކަށް ސަރުކާރުން ގެނައުމަށް ނިންމާފައިވާ ބަދަލުތަކުގެ ތަފްޞީލް ޙިއްސާކުރައްވަމުން ރައީސް ވިދާޅުވީ އަންހެނުން އިތުރަށް ބާރުވެރި ކުރެވޭ ގޮތްތަކެއް ސަރުކާރުން ބަލަމުން އަންނަ ކަމަށެވެ. އެގޮތުން އަންހެނުންނަށް ކައުންސިލްތަކުގެ %40 ޚާއްސަކުރައްވަން ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މިހާރު އަންހެނުންނަށް ޚާއްސަކޮށްފައިވަނީ ކައުންސިލްތަކުގެ %33 ގޮނޑިއެވެ.

ރައީސް ވިދާޅުވީ ރަށްރަށާއި ސިޓީތަކުގައި އޮންނަ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުންނަކީ ސިދާ ރައްޔިތުންގެ ވޯޓަކުން އިންތިޚާބުކުރާ މަޤާމަކަށް ބަދަލުކުރުމަށް ވެސް ނިންމަވާފައިވާ ކަމަށެވެ.

މީގެ އިތުރުން އަތޮޅު ކައުންސިލްތައް އުވާލުމާއި، 2000 އަށްވުރެ އާބާދީ ބޮޑު ރަށްރަށަށް ފަސް ކައުންސިލަރުން އަދި އެއަށްވުރެ އާބާދީ ކުޑަ ރަށްރަށަށް ތިން ކައުންސިލަރުން ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ. އަދި ސިޓީ ކައުންސިލްތަކުގެ ކައުންސިލަރުންގެ ޢަދަދު އިތުރު ނުވާނެ ގޮތަށް މިހާރު ހުރި ޢަދަދުގައި ހިފެހެއްޓުމަށް ވެސް ވަނީ ނިންމާފައެވެ.

މީގެ އިތުރުންވެސް ރައީސް ހުށަހަޅުއްވާ ބަދަލުތަކުގެ ތެރޭގައި:

  1. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު 93 ގައި ހިފެހެއްޓުން.
  2. ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުން.
  3. ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އުވާލާ، ޕްރެފެންޝަލް ވޯޓިން އިން އިންތިޚާބު ބޭއްވުން.
  4. ރިޔާސީ ދައުރު ފެށޭ ދުވަހަކީ ނޮވެންބަރު 11 ކަމަށް ކަނޑައެޅުން.

ރައީސް ވިދާޅުވީ މި ބަދަލުތައް ގެނައުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އައްސަވާނެ ކަމަށެވެ. މިކަމުގައި އެމަނިކުފާނު އަމިއްލަފުޅަށް އެއްވެސް ކަމެއް ނުނިންމަވާނެ ކަމަށާ، ވެރިކަން ކުރައްވަނީ ރައްޔިތުންނަށްޓަކައި، ރައްޔިތުންނާއެކު، ރައްޔިތުންނާ ގާތުންކަމުގައި ރައީސް ތަކުރާރުކުރެއްވިއެވެ. މި ކަންކަމާ މަޝްވަރާކުރެއްވުމަށް އާންމު ބަހުސަކަށް ހުޅުވާލައްވާފައި ވާކަން ފާހަގަކުރައްވައި، ރައީސް ވަނީ، އަޅުގަނޑުމެން ނިންމަމުން މިދަނީ މުސްތަޤުބަލުގެ މުހިންމު ނިންމުންތަކެއް ކަމުގައި ވިދާޅުވެ، ކަމުގެ ހައްސާސްކަމާމެދު ހުރިހާ ރައްޔިތުންވެސް ވިސްނާވަޑައިގަތުމަށް ގޮވާލައްވާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%