ރައުދުގެ ބަންދު އަނެއްކާވެސް އިތުރުކޮށްފި

އަހްމަދު އީޒާން | 91 ދުވަސް ކުރިން - 15 މޭ 2025 15:31
ޔުމްނު ވެއްޓުނު މައްސަލާގައި ހައްޔަރުކުރި ރައުދު / ފޮޓޯ: ޕޮލިސް
ޔުމްނު ވެއްޓުނު މައްސަލާގައި ހައްޔަރުކުރި ރައުދު / ފޮޓޯ: ޕޮލިސް
ޚުލާސާ

އުމުރުން 21 އަހަރުގެ ރައުދުގެ ބަންދުގެ މުއްދަތު އިތުރުކުރި މިއީ ހަތަރު ވަނަ ފަހަރު. މިފަހަރު އިތުރު 20 ދުވަސް.

މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި ހައްޔަރުކޮށްފައިވާ ރައުދު އަހްމަދު ޒިލާލްގެ ބަންދަށް އިތުރު 20 ދުވަސް ކްރިމިނަލް ކޯޓުން މިއަދު ދީފި އެވެ.

އުމުރުން 21 އަހަރުގެ ރައުދުގެ ބަންދުގެ މުއްދަތު އިތުރުކުރި މިއީ ހަތަރު ވަނަ ފަހަރެވެ. ފުރަތަމަ ފަހަރު ފަސް ދުވަހަށް އަދި ދެވަނަ ފަހަރު 10 ދުވަހަށް ބަންދުކުރި އިރު އެންމެ ފަހުން އޭނާ ބަންދުކުރީ ފަސް ދުވަހަށެވެ. އެ މުއްދަތު ހަމަވީ މިއަދަށެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީ ގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލާގައި ތުހުމަތުތައް ކުރެވޭ ރައުދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން އޭޕްރީލް މަހުގެ 24 ވަނަ ދުވަހު އެވެ.

ރައުދަށް ތުހުމަތުކުރަނީ ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށެވެ. އޭގެ އިތުރުން އެ ހާދިސާ ހިނގި ވަގުތު އޭނާގެ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ވެސް ކޮށްފައިވެ އެވެ.

ޔުމްނު ވެއްޓުނު މައްސަލަ ތަހުގީގުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހާއްސަ ރިޔާސީ ކޮމިޝަނެއް ވެސް އުފައްދަވައިފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%