ހއ. އުތީމުގައި ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށް މަޝްވަރާކޮށްފިއެވެ.
ފުލުހުންނާއި އުތީމު ކައުންސިލުން މި މަޝްވަރާ ބައްދަލުވުން އިއްޔެ ބާއްވާފައިވަނީ ޝަހީދު ހުސެއިން އާދަމް ބިލްޑިންގައެވެ.
މި ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މޫސާ އަލީ ބައިވެރިވެލެއްވިއެވެ.
އުތީމުގައި ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށާއި ކުށްމަދު އަމާން ވެއްޓަކަށް އެ ރަށް ހެދުމަށާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ރަށުތެރޭގައި ސީސީޓީވީ ކެމެރާ ހަރުކުރުމާ ގުޅޭގޮތުން މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ. އަދި، އުތީމަކީ މިހާރަށްވުރެ ވެސް އަމާން ތަނެއްގެ ގޮތުގައި ބޭއްވުމަށް ދެ ފަރާތް ގުޅިގެން ކުރެވޭނެ ކަންކަމާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކޮށްފައެވެ.
މި ބައްދަލުވުމުގެ ތެރެއިން ކައުންސިލް އިދާރާ އާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ވެސް ބައެއް ކަންކަން ވަނީ ފާހަގަކޮށްފައެވެ. އަދި ރަށުގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތަކުގައި ފުލުހުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް ފުލުހުންނަށް ޝުކުރުއަދާކޮށްފައިވެއެވެ.
މީގެ އިތުރުން މި އަހަރުގެ ޤައުމީ ދުވަސް ރަސްމީކޮށް އުތީމުގައި ފާހަގަކުރަން ހަމަޖެހިފައިވާތީ އެކަމާއި ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.









