އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިވަގުތު ގަލްފުގެ ބައެއް ގައުމުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގެ ތެރެއިން ސައޫދީ އަރަބިޔާގައި، ސޫރިޔާގެ ރައީސް އަހްމަދުއްޝަރުއުއާ ބައްދަލުކުރައްވައިފިއެވެ. މިއީ ފާއިތުވި 25 އަހަރު ތެރޭގައި އެމެރިކާގެ ރައީސަކާއި ސޫރިޔާގެ ރައީސަކު ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ސޫރިއާގެ ރައީސް އަހްމަދުއްޝަރުއު ބައްދަލުކުރެއްވުން / ފޮޓޯ: ރޮއިޓާސް
މި ބައްދަލުވުމުގެ ކުޑަ އިރުކޮޅެއް ކުރިން، ރައީސް ޓްރަމްޕް ވަނީ ސޫރިޔާ އާއި ދެކޮޅަށް އެމެރިކާ އަޅާފައިވާ އިގްތިސާދީ އަދި މާލީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައްވާފައެވެ.
ރައީސް އަހްމަދުއްޝަރުއުއަކީ ކުރިން "ޖަބްހަތުއްނުސްރާ" ޖަމާއަތުގެ ލީޑަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. މި ޖަމާއަތަކީ އަލްގައިދާ ޖަމާއަތުން ވަކިވެގެން އުފެދުނު، އައިއެސް ޖަމާއަތުގެ ގޮތްޕެއްގެ ގޮތުގައި ސިފަކުރެވޭ ޖަމާއަތެކެވެ. އަހްމަދުއްޝަރުއު ސޫރިޔާގެ ވެރިކަމަށް އައީ މިދިޔަ އަހަރު ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރު ވައްޓާލުމަށްފަހު އަމިއްލައަށެވެ.
ސޫރިއާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުމަށް ރައީސް ޓްރަމްޕްގެ މި ނިންމެވުމާއި ބައްދަލުވުމުގެ ފަހަތުގައިވަނީ ގަލްފުގެ ބައެއް ގައުމުތަކާއި ތުރުކީވިލާތުގެ ސަރުކާރުތަކުން ކުރި މަސައްކަތްތައް ކަމަށް ރިޕޯޓްތޯޓްތައް ބުނެއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓްރަމްޕް ވިދާޅުވީ، އައްޝަރުއު ވަނީ އިބްރާހީމް އެއްބަސްވުމުގައި ބައިވެރިވުމަށް ތައްޔާރަށް ހުންނާނެކަމަށް ވިދާޅުވެފައެވެ. އިބްރާހީމް އެއްބަސްވުމަކީ 2020 ވަނަ އަހަރު އެމެރިކާ މެދުވެރިވެ ޔޫއޭއީ، ބަހްރެއިން އަދި މޮރޮކޯ އިސްރާއީލާއެކު ގުޅުން އާރާސްތުކުރި އެއްބަސްވުމެކެވެ. ޓްރަމްޕް ވިދާޅުވީ އެކަމަށް ޝަރުއުއު ވަނީ އެއްބަސްވެފައި ކަމަށާއި އަދި އެކަމުގައި ކުރަން ޖެހޭ މަސައްކަތްތައް ގިނަ ކަމަށް ވިދާޅުވި ކަމަށެވެ.
ސޫރިޔާގެ ސަރުކާރުން ނެރުނު ބަޔާނެއްގައި، ސޫރިޔާ ވަނީ އެމެރިކާއަށް ހުޅުވާލާފައިވާ ކަމާއި، އިސްރާއީލާ އެކު ސުލްހަވެރި ގުޅުމެއް ބާއްވަން ބޭނުންވާ ކަމަށް ބުނެފައިވެއެވެ. އަދި ބައެއް މަސްދަރުތަކުން ބުނާގޮތުގައި ސޫރިއާގެ ހަކަތައިގެ ވަކި މިންވަރެއް އެމެރިކާއަށްދިނުމަށާއި، ސޫރިއާގައި ޓްރަމްޕް ޓަވަރު އެޅުމަށް ބިމެއް ދިނުމަށް ވެސް ވަނީ ނިންމާފައެވެ.









