ބައިނަލް އަޤްވާމީ މީޑިއާގައި މި ހަފްތާގައި އެންމެ ގަދަޔަށް ދެކެވުނު އެއް ވާހަކައަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ޤަޠަރުގެ ވެރިކަންކުރާ ޝާހީ ޢާއިލާއިން ހަދިޔާކުރާ 400 މިލިއަން ޑޮލަރުގެ ބޮއިންގ 747-8 ޖެޓާއި ބެހޭ އެއްބަސްވުމުގައި، މި ހަފްތާގައި ޤަޠަރަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ޓްރަމްޕް ސޮއި ކުރައްވާނެ ކަމަށެވެ.
އިއްޔެ ޓްރަމްޕް ހުންނެވީ ޤަޠަރުގައެވެ. ނަމަވެސް މިހާތަނަށް ބައިނަލްއަޤްވާމީ އެއްވެސް މަސްދަރަކުން، ޓްރަމްޕް އެ ޖެޓު ރަސްމީކޮށް ބަލައިގަތްކަމަށް ރިޕޯޓް ކޮށްފައެއް ނުވެއެވެ. މިކަމާ ގުޅޭ މަޝްވަރާތައް ކުރިއަށްދާއިރު، މި ހަދިޔާ ބަލައިގަތުމާމެދު ގާނޫނީ ސުވާލުތަކެއް ވެސް އުފެދިފައިވެއެވެ.
ޓްރަމްޕުގެ މި ދަތުރުފުޅުގައި ގަތަރު އެއަރވޭޒްއާއި ބޮއިންގ އާ ދެމެދު 210 ވައިޑްބޮޑީ ޖެޓް ގަތުމުގެ އެއްބަސްވުމެއްގައި ސޮއި ކުރެއްވިއެވެ. މި އެއްބަސްވުމުގެ އަގަކީ ގާތްގަނޑަކަށް 96 ބިލިއަން ޑޮލަރެވެ. މިއީ ޖުމްލަ 243.5 ބިލިއަން ޑޮލަރުގެ ވިޔަފާރީގެ އެއްބަސްވުންތަކުގެ ބައެކެވެ.
“އުދުހޭ ގަނޑުވަރު”ގެ ނަމުން މަޝްހޫރުވެފައިވާ، ޤަޠަރުން ހަދިޔާކުރާ ޖެޓާއި މެދު ޓްރަމްޕް ވަނީ ވަރަށް ބޮޑަށް ޝައުޤުވެރިކަން ފާޅުކޮށް އެވާހަކަ ދައްކަވަފާއެވެ.
އެމެރިކާގެ ގާނޫނީ މާހިރުން ފާހަގަކުރާގޮތުގައި މި ޖެޓް މިވަގުތު ރައީސުލްޖުމްހޫރިއްޔާގެ ބޭނުމަށް ބަދަލުކުރުމުގައި އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކާތަކެއް ކުރިމަތިވެދާނެއެވެ. މިހާރު ޤަޠަރު ސަރުކާރާއި އެމެރިކާގެ އޭވިއޭޝަނާއި ދެމެދު އެކަމުގައި ދަނީ މަޝްވަރާތައް ކުރަމުންނެވެ.
މި މަތިންދާބޯޓު ވަގުތީގޮތުން ބޭނުންކުރުމަށް ހަމަޖެހިފައި ވަނީ އެއަރ ފޯސް ވަން ގެ ގޮތުގައެވެ. މީގައި މާސްޓަރ ބެޑްރޫމަކާއި، އޮފީހަކާއި، މެހެމާނުންނަށް ޚާއްޞަ ސުއިޓްތަކަކާއި، ކެއުމަށް ހާއްސަ ތަނަކާއި، އަދި އެންމެ ޒަމާނީ މުވާޞަލާތީ ވަސީލަތްތައް ހިމެނެއެވެ.
ޓްރަމްޕް ވިދާޅުވީ މިފަދަ ހަދިޔާއެއް ޤަބޫލުނުކުރާނީ މޮޔައިންނެވެ. އަދި މިކަމުން އެމެރިކާގެ ޓެކްސް ދައްކާ ފަރާތްތަކަށް ފައިސާ ސަލާމަތްވާނެ ކަމަށް ވިދާޅުވެ މި ހަދިޔާ ޤަބޫލުކުރެއްވުން އޭނާ ދިފާޢުކުރެއްވިއެވެ.









