ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް) އިން އިލްތިމާސްކޮށްފިއެވެ.
މެޓުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ.
ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށާއި، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށް މެޓުން ވަނީ ބުނެފައެވެ.
މެޓުން ބުނީ ވައި ޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މެޓުން ބުންޏެވެ.
ކަނޑުތައްވެސް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިނުގައި 4 – 7 ފޫޓު ހުންނާނެ ކަމަށް މެޓުން ބުންޏެވެ.
މެޓުގެ ރެކޯޑުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ ޏ. ފުވައްމުލަކަށެވެ. އެގޮތުން އެރަށް 47.0 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ. ދެވެނަ އަށް އެންމެ ބޯކޮށް ވެހުނު ގދ. ކާޑެއްދޫއަށް 29.2 މިލިމީޓަރުގެ ވާރޭ ވެހުނު އިރު، ތިންވަނައަށް އެންމެ ބޯކޮށް ވާރޭ ވެހުނު ލ. ކައްދޫއަށް 20.7 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ.