ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު ޝަމްޢާން ވަޙީދު މަޤާމާއި ނުފޫޒު ބޭނުންކޮށްގެން ބިދޭސީން އަތުން ފައިސާ ނެގި ކަމަށް ތުހުމަތުކުރާ މައްސަލައިގައި އޭނާގެ އިތުރުން 4 މުވައްޒަފެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.
ފުލުހުން ތުހުމަތުކުރަނީ އިމިގްރޭޝަންގެ އޮޕަރޭޝަނެއްގެ ތެރެއިން އިމިގްރޭޝަން އޮފިސަރުން ބިދޭސީއެއް އަތުން ފައިސާ ހޯދާފައިވާ ކަމަށެވެ. އެގޮތުން 500,000 އަށްވުރެ ގިނަ ރުފިޔާ ހޯދައިގެން އެ ފައިސާ ޝަމްޢާންގެ ގެޔަށް ގެންދިޔަ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ޕީޖީ އޮފީހުން ބުނީ މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އިއްޔެ ހުށަހެޅި މައްސަލަ ބަލައިގަނެފައިވާ ކަމަށާއި، ދައުވާ ކުރުމާމެދު 15 ދުވަހުގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށެވެ.
އެ މައްސަލައިގައި ޝަމްޢާންގެ އިތުރުން ހައްޔަރުކޮށްފައިވަނީ ތ. ބުރުނީ، މޫނިމާގެ، މުހައްމަދު އަލްސަން އިސްމާއިލް (21އ)، ގ. ހެޕީސައިޑު، އިބްރާހިމް އަހުމަދު (37އ)، ގ. ހެޕީސައިޑު، އަހުމަދު ސަހެޝަން (47އ)، އަދި މ. ހަޒާރީވިލާ، އަހުމަދު ލައްސާން (40އ) އެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ތަޙުޤީޤުގައި ގިނަ ޢަދަދެއްގެ ސީސީޓީވީ ފުޓޭޖް އެއްކޮށް، ގިނަ ބަޔަކާ ސުވާލުކޮށް މި މައްސަލައާ ގުޅުންހުރި ފަރާތްތަކުގެ ބަޔާން ނަގާފައިވާ ކަމަށެވެ. އަދި ކޯޓު ޢަމުރެއްގެ ދަށުން ޝަމްޢާން ދިރިއުޅޭ ގެ ބަލައިފާސްކޮށް 257,475 ރުފިޔާއާއި 10,000 އެމެރިކާ ޑޮލަރު އަދި އެހެނިހެން ބައެއް ޤައުމުތަކުގެ ފައިސާގެ އިތުރުން އިލެކްޓްރޯނިކް ސާމާނު ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.