ހުޅުމާލޭގައި ހުންނަ "ފިޒިއޯ ކްލިނިކް" ގައި ކުޑަކުއްޖަކަށް އަނިޔާކުރި ދެ ތެރަޕިސްޓުން ރޭ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބުނީ މި މަހުގެ ފަސްވަނަ ދުވަހު ހުޅުމާލޭގައި ހުންނަ ކްލިނިކަކަށް ތެރަޕީ ނަގަންދިޔަ ކުޑަކުއްޖަކަށް ޖިސްމާނީ ގޮތުން އަނިޔާވެދާނެ ގޮތަކަށް ޢަމަލުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ކޯޓު ޢަމުރެއްގެ ދަށުން ދެ މީހަކު ރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ދެ އަންހެނުން ކަމަށްވާ ރަޖޭޝްވަރީ ސިވާކުމާރް (24އ) އާއި އީޝާ އެންތޮންނޭޓް (24އ) ކަމަށެވެ. އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުންވެސް 15 ދުވަހަށް ބަންދުކުރުމަށް ޢަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ އާންމުންގެ ސަމާލުކަމަށް އައިސްފައިވަނީ އަނިޔާ ލިބުނު ކުއްޖާގެ ބައްޕަ އެ ވީޑިއޯ ސޯޝަލް މީޑީއާއަށް ލުމާ ގުޅިގެންނެވެ. އެއާއެކު ވަރަށް ގިނަ ފަރާތްތަކުން ވަނީ އެ ދެމީހުންނާމެދު ވަގުތުން ވަގުތަށް ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.
އެ މައްސަލަ ފެންމަތިވުމާ ގުޅިގެން ކްލިނިކުން ވަނީ އެ ޢަމަލުކުރި ދެ ތެރަޕިސްޓުން ވަޒީފާއިން ވަކިކޮށްފައެވެ. އަދި ފުލުހުންގެ ތަޙުޤީޤަށް އެއްބާރުލުން ދިނުމަށް ކަމަށް ބުނެ ކްލިނިކް ވެސް ވަނީ ވަގުތީގޮތުން ބަންދުކޮށްފައެވެ.