ކައުންސިލަރުންނަށް ޚުޠުބާ ކިޔުމުގެ ކޯހެއް ކުރިއަށްގެންދަން ނިންމައިފި

އަައިޝަތު ޒީނާ | 4 ގަޑިއިރު ކުރިން - 12 މޭ 2025 18:14
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު. / ފޮޓޯ: ވުޒާރާ
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު. / ފޮޓޯ: ވުޒާރާ
ޚުލާސާ

މި ކޯސް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ އަތޮޅުތަކުގައި ޚުޠުބާ ކިޔުމަށް ހުރި ދަތިތައް ފުޅާ ދާއިރާއެއްގައި ޙައްލުކުރުމުގެ މަޤުޞަދުގައި. މީގެ ކޮންމެ ބުރެއްގައި ވެސް 50 ކައުންސިލަރުންނަށް ބައިވެރިވެވޭނެ.

ކައުންސިލަރުންނަށް ޚުޠުބާ ކިޔުމުގެ ކޯހެއް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ މި ކޯސް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ އަތޮޅުތަކުގައި ޚުޠުބާ ކިޔުމަށް ހުރި ދަތިތައް ފުޅާ ދާއިރާއެއްގައި ޙައްލުކުރުމުގެ މަޤުޞަދުގައި ކަމަށެވެ. އެގޮތުން ކައުންސިލަރުންނަށް ޚުޠުބާ ކިޔުމުގެ ހުއްދަ ދިނުމަށް، ކައުންސިލަރުންގެ ތެރޭގައި މިކަމަށް ޝައުޤުހުރި ފަރާތްތަކަށް ޚަޠީބުކަމުގެ 3 މަސް ދުވަހުގެ ކޯހެއް ޤުރުއާން މަރުކަޒު މެދުވެރިކޮށް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މީގެ ކޮންމެ ބުރެއްގައި ވެސް 50 ކައުންސިލަރުންނަށް ބައިވެރިވެވޭނެ ކަމަށެވެ.

މި ކޯހުގައި ޚަޠީބު ކަމަށް ބޭނުންވާ ފިޤުހު، ޤުރުއާން، ޢަޤީދާ ހަދީސް ކިޔަވައިދޭނެ ކަމަށާއި، ޤުރުއާން ފިޔަވައި އެހެން މާއްދާތައް އޮންލައިންކޮށް ކުރިއަށް ގެންދެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ޤުރުއާން ކިޔަވައިދޭނީ ކައުންސިލަރުން މާލެ އައިސްގެން، ނުވަތަ އަތޮޅުތަކުގައި ޤުރުއާން މަރުކަޒުގެ ގޮފިތައް މެދުވެރިކޮށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މި ޕްރޮގްރާމުގައި ކިޔަވައިދެއްވާނީ ފުންނާބު އުސް އިލްމުވެރިން ކަމަށެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު 1 ޖޫންގައި ހުޅުވާލާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ޚުޠުބާ ކިޔުމުގެ މަސައްކަތް ކުރިއަށްވުރެ ހަރުދަނާ ކުރުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މި ދާއިރާއަށް ޒުވާން ޚަޠީބުން އިތުރުކުރުމުގެ މަސައްކަތަކީވެސް ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%