ރާއްޖޭގެ ޑިޖިޓަލް މުސްތަޤްބަލް “ކުރަހާލައިފި”

ޢަބްދުﷲ ޖުނައިދު | 10 ދުވަސް ކުރިން - 12 މޭ 2025 08:57
ދިވެހިރާއްޖެ 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް - ނިންމުމުގެ ރަސްމިއްޔާތު
ދިވެހިރާއްޖެ 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް - ނިންމުމުގެ ރަސްމިއްޔާތު
ޚުލާސާ

މި ޑިޖިޓަލައިޒޭޝަން މޮޑެލްއާއެކު، ރައްޔިތުންނަށް ކޮންމެ ތަނަކުން، ކޮންމެ ވަގުތެއްގައި ވެސް ޚިދުމަތްތައް ލިބި މުޢާމަލާތްކުރެވޭނެ.

"ދިވެހިރާއްޖެ 2.0" ސަމިޓުގައި ރާއްޖޭގެ އިސް ވެރިން އެއްވެ، ޤައުމު ޑިޖިޓަލް ޚިދުމަތްތަކުގެ އައު ޒަމާނަކަށް ގެންދިއުމާއި ބެހޭގޮތުން ދެތިންރޭވަންދެން ބާސެލޯ ނަސަންދުރާގައި މަޝްވަރާތައް ކުރެއްވުމަށްފަހު ވަރަށް ކާމިޔާބުކަމާއެކު އެ މަޝްވަރާތައް ނިންމާލައިފި ކަމަށް ރޭ އިޢުލާން ކުރައްވައިފިއެވެ. މި ސަމިޓަކީ "މޯލްޑިވްސް 2.0" ސިޔާސަތު ތަޢާރަފުކުރުމަށް ބޭއްވި މުހިންމު ބައްދަލުވުމެކެވެ. މި ސިޔާސަތުގެ މަޤްޞަދަކީ ސަރުކާރުގެ ހުރިހާ ޚިދުމަތްތަކެއް ރައްކާތެރި އަދި ހަރުދަނާ ނިޒާމެއްގެ ދަށުން ޑިޖިޓަލައިޒް ކުރުމެވެ.

ސަމިޓުގެ އެންމެ މުހިންމު އެއް ކަމަކީ ދައުލަތުގެ މުއައްސަސާތަކުގެ މުހިންމު މަޢުލޫމާތުތައް ރައްކާތެރިކަމާއެކު ރައްކާކުރުމަށް ސޮވްރިން ކްލައުޑެއް ޤާއިމުކުރުމުގެ ހުށަހެޅުމެވެ. މީގެ އިތުރުން، ބައިނަލްއަޤްވާމީ މިންގަނޑުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ރައްކާތެރި ޑިޖިޓަލް އައިޑީތަކެއް ތަޢާރަފުކުރުމާއި، އިދާރާތަކުގެ މެދުގައި “އަމިއްލަ މަޢުލޫމާތު” ރައްކާތެރިކަމާއެކު ބަދަލުކުރެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ ޕްލޭންތައް ވެސް ހުށަހެޅިއެވެ.

މި ޑިޖިޓަލައިޒޭޝަން މޮޑެލްއާއެކު، ރައްޔިތުންނަށް ކޮންމެ ތަނަކުން، ކޮންމެ ވަގުތެއްގައި ވެސް ޚިދުމަތްތައް ލިބި މުޢާމަލާތްކުރެވޭނެއެވެ. މިސާލަކަށް ވިޔަފާރިއެއް ރަޖިސްޓަރީކުރުން ނުވަތަ ޕާސްޕޯޓު އައުކުރުން ފަދަ ކަންކަން ކުރެވޭނެއެވެ. މިހާރު ވިޔަފާރިއެއް ރަޖިސްޓްރީ ކުރުމަށް އިކޮނޮމިކް މިނިސްޓްރީގެ ޕޯޓަލްއިން ހުށަހެޅިޔަސް އެ ވިޔާފާރީގެ ދެން އޮތް ބައި ކަށަވަތުކުރުމަށް ސަރުކާރުގެ އެހެން އިދާރާއަކަށް ދާން އެބަ ޖެހެއެވެ. މިކަން އެންމެ ރަނގަޅަށް ފަހުމުވާ އެއް ބަޔަކީ މީޑިއާތައް ހިންގާ ފަރާތްތަކެވެ. އެފަރާތްތަކަށް މިޖެނީ އިކޮނޮމިކް މިނިސްޓްރީގެ ހުއްދައާއި ޑޮމެއިން ރެޖިސްޓްރޭޝަން ހުއްދައިގެ ހާޑް ކޮޕީ ހިފައިގެން ޔޫތުމިނިސްޓްރީއަށް ދާށެވެ. ނުބަތަ މެއިލް ކުރިކަމުގައި ވިޔަސް، ޔޫތުމިނނިސްޓްރީގެ ވެބްސައިޓުން ފޯމުސެޓެއް ޑައުންލޯޑްކުރުމަށްފަހު އެ ފޯމުސެޓް ފުރައިގެން އެތަނަށް ގެންދަން ޖެހެއެވެ. މިއީ ފިލަބަލް ފޯމެއް ނޫނެވެ. ދެން އޮތީ ހުރިހާ ރައްޔިތުންނަށްވެސް ޖެހިފައިވާ އުނދަގުލެއް ކަމަށް ސިފަވާ ފެމިލީ ކޯޓުގެ މަސައްކަތެވެ. އެތަނަށް ކައިވެންޏެއް ކުރުމަށް ނުވަތަ ކައިވެންޏެއްގެ މައްސަލައެއް ހައްލުކުރާން، ނުވަތަ ވަރި ސާބިތުކުރާން ދާނަމަ ކުރިން ދީގައިވާ ސެޓްފިކެޓްތަކުގެ އަޞްލުތައް ގެންނާން ބުނެއެވެ. އިތުރަށް މިސާލު ނުދެއްކިޔަސް، މިފަދަ ބައިވަރު ކަންކަން ފެންނާން އެބަހުއްޓެވެ.

އެފަދަ ސެޓްފިކެޓެއް މި ޑިޖިޓަލް ޒަމާނަކު ބޭނުމެއް ނުވާނެއެވެ. މިޒަމާނުގައި އޮންނަންވާނީ ނަމްބަރެކެވެ. ނުވަތަ ކޯޑެކެވެ. ނޫންނަމަ އެޕްލިކޭޝަނަކަށް ލޮގިންވާއިރަށް އެ ހުރިހާ މަޢުލޫމާތެއް ބަލައިލެވި، ކުރަން ބޭނުންވާ ނުވަތަ ހޯދަން ބޭނުންވާ ޚިދުމަތް އެ އެޕް މެދުވެރިކޮށް ލިބެން ވާނެއެވެ، ކޮންމެހެން ފިޒިކަލީ މީހާ ދާކަށް ނުޖެހޭނެއެވެ. މީހާގެ ޖިސްމު އެތަނަށް ހާޟިރުކުރާން ޖެހޭނީ އިސްލާމް ދީނުގައި ޝަރުޠު ކޮށްފައިވާ ކަންކަމުގައި އެ ރުކުންތައް ފުރިހަމަކުރުމަށް އެކަންޏެވެ. ރާއްޖެ އަދިވެސް މި އުޅެވެނީ “ފަހަތުގައެވެ”. އެހެންކަމުން މި ސަމިޓަކީ މިއީ ވަކިވަކިން ހިންގާ އިދާރީ ނިޒާމުތައް ނައްތާލައި، ރައްޔިތުންނަށް އެއް ހަމައެއްގައި ޚިދުމަތް ލިބޭނެ ނިޒާމެއް ޤާއިމުކުރުމަށް އެޅޭ ފިޔަވަޅުތަކެކެވެ.

އެސްޓޯނިއާއާއި، ޑެންމާކުގެ އީ-ގަވަރންމަންޓް އަދި ދެކުނު ކޮރެއާގެ ޑިޖިޓަލް ނިއު ޑީލް ފަދަ މިސާލުތަކުން ދައްކުވައިދެނީ ރަނގަޅަށް ރޭވި، ތަންފީޛުކުރެވޭ ޕްލޭނަކުން ސަރުކާރާއި ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިންޤިލާބީ ގޮތަކަށް ބަދަލުކުރެވިދާނެކަމެވެ. ދިވެހިރާއްޖެއިން ވެސް މަސައްކަތްކުރަނީ މިފަދަ ކާމިޔާބީއެއް ހޯދުމަށެވެ. މިގޮތުން ރައްޔިތުންނަށް ފަސޭހަކަމާއެކު، އަވަސްމިނުގައި ސަރުކާރުގެ މުހިންމު ޚިދުމަތްތަކަށް ވާޞިލުވެވޭނެ ނިޒާމެއް ޤާއިމުކުރުމަށް މި ފަށައިގަތީ ކުޑަ މަސައްކަތެއް ނޫނެވެ.

މި ސަމިޓުގައި ހުށަހެޅުނު އައު ވިސްނުންތަކާއި ޕްލޭންތަކުން ދިވެހިރާއްޖެ ޑިޖިޓަލް ދުނިޔޭގައި އިތުރަށް ކުރިއަރައިގެންދިޔުމަށް ފުރުޞަތު އެބައޮތެވެ. ސައިބަރ ސެކިއުރިޓީ، ޑިޖިޓަލް އައިޑެންޓިޓީ، އަދި އެކުގައި މަސައްކަތްކުރާ ސަރުކާރުގެ ޚިދުމަތްތަކުގެ ނިޒާމުތައް ޤާއިމުކުރުމަށް ހުށަހެޅުނު ޕްލޭންތަކަކީ ރާއްޖޭގެ ޑިޖިޓަލް މުސްތަޤްބަލަށް އައު އުއްމީދުތަކެއް ގެނެސްދޭ ކަންކަމެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މި ސަމިޓަކީ ދިވެހިރާއްޖޭގެ ޑިޖިޓަލް ތަރައްޤީގެ ދަތުރުގައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ޚިދުމަތްތައް އިތުރަށް ހަރުދަނާވެ، ސަރުކާރުގެ ހިންގުން ހަލުވިވެ، އަދި ރާއްޖޭގެ އިޤްތިޞާދަށް ވެސް ފައިދާތަކެއް ކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%