ކޮންގޯގެ އިރުމަތީ ސައުތު ކިވު ޕްރޮވިންސްގައި ވާ ޓަންގަނީކާ ކަނޑުގެ އަތިރިމަތީގައި ހުރި ރަށްތަކަށް ބޮޑު ފެންބޮޑުވުމެއް އައިސް، މަދުވެގެން 62 މީހުން މަރުވެ، 50 މީހުން ގެއްލިފައިވާ ކަމަށް އެ ގައުމުން ބުނެފިއެވެ.
މި ހާދިސާ ހިނގީ ހުކުރު ދުވަހުގެ ހެނދުނު 5:00 ހާއިރު ނަގަންޖާ ސެކްޓަރުގައިވާ ކަސަބާ ކިޔާ ރަށުގައި ވާރޭ ވެހި ކުއްލިއަކަށް ފެންބޮޑުވެގެން ކަމަށް ޚަބަރުތައް ބުނެއެެވެ.
ސައުތު ކިވު ޕްރޮވިންސްގެ ސިއްހީ ވަޒީރު ތިއޯފިލް ވަލުލިކާ މުޒަލިވާ ބައިނަލްއަގުވާމީ މީޑިއާ އަކަށް ދެއްވި ފޯނު އިންޓަވިއުއެއްގައި ވިދާޅުވީ، މީހުން ހޯދައި ސަލާމަތްކުރުމުގެ މަސައްކަތަށް ވަރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
"ސެކްޓަރުތަކުގެ އިސްވެރިންނާއި، ރަށްރަށުގެ އިސްވެރިންނާއި، ސަރަހައްދުތަކުގެ އިސްވެރިން، އަދި ސަރުކާރުގެ އިސްވެރިން ވެސް މިހާރު ތިބީ އެ ސަރަހައްދުގައި. މިވަގުތު އެތަނުގައި އޮތް ހަމައެކަނި އިންސާނީ އެހީގެ ޖަމިއްޔާއަކީ ރެޑް ކްރޮސް. މަރުވެފައިވާ މީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތް ދަތް ދަނީ ކުރެވެމުން ކަމަށް ވާތީ، މިހާރު ހާލަތު އޮތްގޮތް ސާފުކޮށް ބުނަން ދަތި،" ބައިނަލްއަގުވާމީ މީޑިއާ އަކުން ބުނެފައި ވެއެވެ.
މި ހާދިސާ ހިނގީ، ދެތިން ހަފްތާއެއްގެ ކުރިން އެ ގައުމުގެ ވެރިރަށް ކިންޝާސާގައި ބޯކޮށް ވާރޭވެހި، 33 މީހުން މަރުވި ހާދިސާއަކަށް ފަހުގައެވެ. ފާއިތުވި މަސްތަކުގައި މުޅި ގައުމުގެ އުމްރާނީ ވަސީލަތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި އެ ސަރަހައްދުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އިންސާނީ އެހީގެ މަސައްކަތްތައް ވެސް ވަނީ ހުއްޓުމަކަށް އައިސްފައެވެ.
ފެބްރުއަރީ މަހު ސަރުކާރުގެ ބާރުތަކާއި ހަތިޔާރު އެޅި ގްރޫޕްތަކާ ދެމެދު ހިނގި ހަނގުރާމަ އިތުރަށް ގޯސްވެ، އދ. އިން ބުނާ ގޮތުގައި މިހާރު އެތަން ވެފައި ވަނީ ދުނިޔޭގެ އެންމެ ނުރައްކާތެރި އިންސާނީ ކާރިސާތަކުގެ ތެރެއިން އެއް ކާރިސާގެ ގޮތުގައެވެ.