ގައުމީ ބޭންކް, ބީއެމްއެލުން ފައިނޭންސް ދާއިރާގައި މަސައްކަތްކުރާނެ ހުނަރުވެރި ދިވެހި ޒުވާނުން ބިނާކުރުމުގެ އަމާޒުގައި ހިންގާ ސްކޮލަޝިޕް ފަންޑަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ބީއެމްއެލުން ބުނީ މި ސްކޮލާޝިޕަކީ ބޭންކިން އެންޑް ފައިނޭންސްގެ ރޮނގުން މަތީ ތައުލީމު ހާސިލުކުރަން ޝައުގުވެރިވާ ދިވެހި ދަރިވަރުންނަށް ދުނިޔޭގެ އެންމެ މަތީ 200 ޔުނިވާސިޓީއަކުން, މި ދާއިރާއިން ބޭނުންވާ ކޮންމެ އަންޑަ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަކުރުމަށް ހުރިހާ ހަރަދެއް ބޭންކުން ހަމަޖައްސައިދޭ ފުރުސަތެއް ކަމަށެވެ.
މި ސްކޮލާޝިޕަކީ މާލީ ދާއިރާގައި ދިވެހި ތަޖުރިބާކާރުން ބިނާކޮށް، ގާބިލުކަން އިތުރުކުރުމަށް ބޭންކުން ކުރާ މަސައްކަތްތަކުގެ ތެރެއިން ބޭންކުން ކުރަމުން އަންނަ މުހިންމު އެއް މަސައްކަތެއް ކަމަށް ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލުން ބުނީ އެ ފަންޑުގެ ދަށުން ސްކޮލާޝިޕް ލިބޭ ދަރިވަރިންނަށް ޓިއުޝަން ފީ، މަހު އެލަވަންސް، ވިސާ ފީ، ފޮތާއި އެސްޓަބްލިޝްމަންޓް އެލަވަންސް އިތުރުން ދަތުރުފަތުރުގެ ހަރަދު ބޭންކުން ހަމަޖައްސައިދޭނެ ކަމަށެވެ.
އޭ ލެވެލް އިމްތިހާނުގެ ހުރިހާ މާއްދާއަކުން ފާސްވެފައިވާ އުމުރުން 18 އަހަރާއި 25 އަހަރާ ދެމެދުގެ ދިވެހިންނަށް މި ސްކޮލާޝިޕަށް ކުރިމަތިލެވޭނެކަމަށް ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލުން 2022 ވަނަ އަހަރު ސްކޮލާޝިޕް ފަންޑް ތައާރަފްކުރުމަށް ފަހު މިހާތަނަށް 9 ދަރިވަރަށް ސްކޮލާޝިޕް ފޯރުކޮށްދީފައިވެ އެވެ. އެ ދަރިވަރުން އަންނަނީ އިނގިރޭސިވިލާތާއި އޮސްޓްރޭލިއާގައި ތައުލީމު ހާސިލުކުރަމުންނެވެ. މި އަހަރުގެ ސްކޮލާޝޮޕް ފަންޑަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 10 ވަނަ ދުވަހެވެ.