ބަނގުރާ ގެންގުޅުނު ކަމަށް ތުހުމަތުވާ ބިއޭސީއަކު ޑީޕޯޓްކުރަން ފުލުހުން އޭނާ މޯލްޑިވްސް އިމިގްރޭޝަންއާ ހަވާލުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅެ، އޭގެ ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބިދޭސީއަކު ޑީޕޯޓުކުރުމަށް އިމިގްރޭޝަންއާ ހަވާލުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބަންގުލަދޭޝް މީހެއް ކަމަށްވާ މޮޓީ މިއާ، 38 އެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މިދިޔަ ބުރާސްފަތި ދުވަހު މާލޭ މަގުމަތިން ކަމަށެވެ.
ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް ބަލައި, ފާސްކުރި އިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 500 އެމްއެލްގެ 115 ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.