ރާއްޖޭގެ އެންމެ ފޯރިގަދަ 23 އަހަރުން ދަށުގެ ފުޓްސަލް މުބާރާތް ކަމަށްވާ އިލާލާ ޓީއެންޓީ 23 އަހަރުން ދަށުގެ ފުޓްސަލްގައި ރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުތަކުގެ ތެރެއިން މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ކަމަށްވާ ޕާކް ސްޕޯޓްސް ކުލަބުން 3-0 އިން ސްޕޯޓްސް ކްލަބް ބަފަނަ ބަލިކޮށް ސެމީގެ ޖާގަ ކަށަވަރު ކޮށްފިއެވެ.
ޕާކް ސްޕޯޓްސް ކްލަބާއި ބަފަނަ ބައްދަލުކުރި މެޗުގެ މޮޅު ކުޅުމެއް ދެއްކި ޕާކް ސްޕޯޓްސް ކުލަބުގެ ޝަނާން އަށް ރޭ އިނާމް ހަވާލުކުރަނީ. / ފޮޓޯ: ޓީއެންޓީ ފުޓްސަލް ޗެލެންޖް2025
ރޭގެ މެޗުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ޕާކް ސްޕޯޓްސް ކުލަބުގެ ޝަނާން ވަނީ ދެގޯލް ޖަހާފައެވެ.
ރޭ ކުޅުނު ފަހު މެޗުގައި ތިމަރަފުށި ޓީމުން ވަނީ 6-1 އިން އާކޯންސް ބަލިކޮށް ސެމީއަށް ދަތުރުކޮށްފައެވެ.
މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ތިމަރަފުށީ ޒުވާން ޓީމުގެ ކެޕްޓަން އަދި މިހާރުގެ ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިންގެތެރޭގައި ހިމެނޭ އަފްލާޒް އެވެ.
އަފްލާޒް ވަނީ ރޭ 2 ގޯލް ޖަހައި އިތުރު ދެގޯލަށް އެސިސްޓް ކޮށްދީފައެވެ.
ޓީއެފްޕީގެ އިތުރު ގޯލްތައް ޖަހައިދިނީ އިޒްމާން އިބްރާހީމް ރަޝީދު (ތިން ގޯލް) އަދި ޝާވިންއެވެ.
އާކޯންސްގެ ހަމައެކަނި ގޯލު ޖަހައިދިނީ އާދަމް މާހިލް އެވެ.
މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ޚުލާޞާއެވެ.
ކުއާޓާ ފައިނަލުން ފެށިގެން ހުރިހާ މެޗުތައް ޓީއެންޓީ ޕޭޖުންނާއި ޔޫޓިއުބުން ލައިވްކުރާއިރު، ސެމީ ފައިނަލުގައި ޓީއެފްޕީ ބައްދަލުކުރަންޖެހޭނީ އެންމެ ފަހުގެ ޗެމްޕިއަން ޕާކް ސްޕޯޓްސް ކުލަބާއި ދެކޮޅަށެވެ. ސެމީގެ އަނެއް މެޗުގައި ކުޅޭނީ ޕާކް ބޯއީސްއާއި ޕާކް އެކަޑަމީއެވެ.