ރާއްޖޭގެ އެންމެ ފޯރިގަދަ 23 އަހަރުން ދަށުގެ އިލާލާ ޓީއެންޓީ ފުޓްސަލް ޗެލެންޖްގެ ކުއާޓާ ފައިނަލުގައި އެންމެ ފަހު ވަހުތު ގޯލު ޖަހައިގެން އަމިގޯސް ކަޓުވާލައި ޒުވާން ޕީކޭ އެކަޑަމީ ސެމީއަށް ދަތުރު ކޮށްފިއެވެ.
މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ޚުލާސާއެވެ.
ކުއާޓައިން ފެށިގެން މެޗުތައް މުބާރާތުގެ ޕޭޖުންނާއި ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ވަގުތުން ދުރަށް ދައްކާކަން ވެސް ފާހަގަ ކުރެވެއެވެ.
ރޭ ފުރަތަމަ ލީޑު ނެގީ ވެސް އަމިގޯސް އިންނެވެ. އެ ޓީމު ކޮންމެ ފަހަތަކު ލީޑު ނަގާއިރަށް ފަހަތުން އަރައި ޕީކޭއިން ނަތީޖާ ހަމަހަމަކުރިއެވެ.
ޕީކޭގެ ކުޅުންތެރިން ގޯލު ޖެހުމަށްފަހު އުފާފާޅުކުރަނީ. / ފޮޓޯ: ޓީއެންޓީ ފުޓްސަލް ޗެލެންޖް2025
މެޗުގެ ހިމަކޮޅަށް ދިޔައިރު 2-2 އިން އެއްވަރު ވެފައި އޮތުމުން އެންމެންވެސް ހީކުރީ ނަތީޖާ ނެރޭނީ ޕެނަލްޓިގައެވެ. ނަމަވެސް، އެއާއި ޚިލާފަށް މެޗު ނިމެން ބާކީ 2 މިނެޓަށް ވެފައި ވަނިކޮށް ޕީކޭގެ ރިލްވާން ވަނީ ގޯލު ޖަހައި އަމީގޯސްގެ ހުވަފެންތައް ފެނަށް ހަދާލާފައެވެ.
މެޗުގެ މޮޅު ކުޅުންތެރިޔަކީ ޕީކޭގެ ޖ.ނަންބަރު 97 އައްފާން ބިން އަޙްމަދެވެ.