ހައްޖަށް ދާއިރު ގިނަ ލުއިތަކެއް ލިބޭ މައްކާ ރޫޓް އިނީޝިއޭޓިވްގައި ސައުދީ އަރަބިއްޔާގެ ސަރުކާރުން ރާއްޖެ ހިމަނައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ދައުލަތުގެ މީޑިއާ، ޕީއެސްއެމަށް ބުނީ މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން ހައްޖުވެރިން އަމިއްލަ ގައުމުން ފުރުމުގެ ކުރިން، ދެ ގައުމުގެ އިމިގްރޭޝަނުން ކުރަން ޖެހޭ ކަންކަން އަމިއްލަ ގައުމުގެ އެއާޕޯޓުގައި ތިބެ ފުރިހަަމަ ކުރެވޭނެ ކަމަށެވެ. އެކަމުގެ ސަބަބުން ޖިއްދާގެ އެއާޕޯޓްގެ އިމިގްރޭޝަންގައި ހައްޖުވެރިން މަޑުކުރަން ނުޖެހި ސީދާ ހޮޓަލަށް ދެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ސައުދީ ސަރުކާރުން މިހާތަނަށް އެ ފުރުސަތު ދީފައި ވަނީ ދުނިޔޭގެ އެންމެ ހަތް ގައުމަކަށެވެ. ރާއްޖެއާ އެކު މިހާރު ޖުމްލަ އަށް ގައުމަކަށް މި ފުރުސަތު ލިބޭނެ އެވެ.
މައްކާ ރޫޓް އިނިޝިއޭޓިވްގައި ހިމެނޭ ގައުމުތަކަކީ މެލޭޝިޔާ، އިންޑޮނޭޝިއާ، ޕާކިސްތާން، ބަންގްލަދޭޝް، ޓިއުނީޝިއާ، މޮރޮކޯ އަދި އައިވަރީ ކޯސްޓް (ކޯޓް ޑި އައިވަރީ)އެވެ.
ހައްޖުވެރިންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ
މައްކާ ރޫޓް އިނީޝިއޭޓިވް އަކީ އަޅުކަމަށް ސައުދީއަށް އެތެރެވާ މީހުންނަށް ލުއިފަސޭހަ ކުރުމުގެ ގޮތުން 2017 ވަނަ އަހަރު އެ ގައުމުގެ މިނިސްޓްރީ އޮފް އިންޓީރިއާ އިން ދޭން ފެށި ހިދުމަތެކެވެ.