ޤާނޫނާއި ގަވާއިދުތަކާ ޚިލާފުވާ ކުޑަކުދިންނަށް، ކޯޓު ރޫމްތަކާ ބައްދަލުވުމުގެ ކުރިން އެހީތެރިކަން ފޯރުކޮށްދިނުމަށް އަވަސްވެގަންނަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ވިލާ ނޯޓިކާގައި ބޭއްވުނު ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވުނު "ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް 2025" ގައި ވާހަކަފުޅު ދައްކަވަމުން، މެޑަމް ސާޖިދާ ވިދާޅުވީ، ކުށުގެ ވެށްޓަށް ހުށަަހެޅޭ ކުދިންގެ ފަހަތުގައި އެކުދިން އުޅެންޖެހޭ މާޙައުލުގެ ބޮޑު ދައުރެއް އޮންނަ ކަމަށެވެ. އަދި މުޖުތަމަޢުގެ ނަޒަރުގައި މިފަދަ ކުދިން ކުށްވެރިންގެ ގޮތުގައި ލޭބަލްކުރުމުގެ ބަދަލުގައި، އެކުދިންނަށް އެހީތެރިވެ، އަޅާލަންޖެހޭ ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.
މެޑަމް ސާޖިދާ އިތުރަށް ވިދާޅުވީ، ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 14 އަހަރުގެ ކުއްޖަކު މީހަކު މަރާލައިގެން ހައްޔަރުކުރެވުނު އިރު، އޭގެ ކުރިން އެ ކުއްޖާ 191 ފަހަރު ދައުލަތުގެ ކަމާބެހޭ އިދާރާތަކާ ބައްދަލުވެފައިވާ ކަމަށެވެ. މިފަދަ ހާލަތްތަކުގައި ކުދިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އަވަސްވެގަންނަންޖެހޭ ކަމަށެވެ.
ކޮންފަރެންސްގެ ބައިވެރިންނަށް އިލްތިމާސްކުރައްވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ކުށުގެ ވެށްޓަށް ހުށަހެޅިފައިވާ ކުދިންނަކީ އެއްއިރެއްގައި އަނިޔާ ލިބުނު ފަރާތްތަކެއްކަން ހަނދާންކޮށް، އެކުދިންނަށް އެހީތެރިވުމަށް މަސައްކަތްކުރުމަށެވެ. އަދި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ކުދިންގެ ކިބައިން ފެންނަ ބަދަލުތަކަށް ސަމާލުވެ، އިތުރު އަޅާލުން ދިނުމަށްވެސް އެކަމަނާ ގޮވާލެއްވިއެވެ.
މީގެއިތުރުން، ކުޑަކުދިންގެ ރައްކާތެރިކަމަށް އަހަރަކު ބިލިއަނެއްހާ ރުފިޔާ ޚަރަދުކުރެވޭއިރު، އެއީ ހަރުދަނާ ނިޒާމެއްގެ ތެރެއިން ކުރެވޭ ކަމަކަށް ހަދަންޖެހޭ ކަމަށާއި، އަދަބު ދިނުމުގެ ބަދަލުގައި ކުށަށް އަރައިގަތުމަށް މެދުވެރިވި ހާލަތްތަކުން ރައްކާތެރިކަން ފޯރުކޮށްދޭ ނިޒާމަކަށް ހެދުން މުހިންމު ކަމަށް މެޑަމް ސާޖިދާ ފާހަގަކުރެއްވިއެވެ.