އަވަށްޓެރި ސްރީ ލަންކާގެ އަސްކަރިއްޔާގެ ވައިގެ ސިފައިން ބޭނުންކުރާ ބެލް 212 މަރުކާގެ ހެލިކޮޕްޓަރެއް މިއަދު ވެއްޓި، 6 މީހުން މަރުވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ ސްރީ ލަންކާގެ މެދުއުތުރު ޕްރޮވިންސްގައި އޮތް 'މާދުރު އޮޔެ' ކިޔާ ފެންގަނޑަކަށެވެ.
ސްރީ ލަންކާގެ ވައިގެ ސިފައިންގެ ތަރުޖަމާނު އިރާންޑާ ގީގަނޭ ވިދާޅުވި ގޮތުގައި، ހެލިކޮޕްޓަރު ވެއްޓުނު އިރު އޭގައި ދެ ޕައިލެޓުންނާއެކު 12 ސިފައިން ތިބިއެވެ. އޭގެ ތެރެއިން 6 މީހުން މަރުވެފައިވާ އިރު، އަނެއް 6 މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ހާދިސާ ހިނގާފައިވަނީ ސްރީ ލަންކާގެ ވައިގެ ސިފައިންގެ ޚިދުމަތަށް އަލަށް ގުޅި، ތަމްރީނު ފުރިހަމަކޮށްފައިވާ އައު ސިފައިންގެ ދަސްވެނިވުން ފާހަގަކުރުމަށް ބޭއްވި ހަރަކާތެއްގެ ތެރެއިންނެވެ. ހެލިކޮޕްޓަރު ވެއްޓުމުގެ ކުރިން އެ އުޅަނދަށް ޓެކްނިކަލް މައްސަލަތަކެއް ކުރިމަތިވި ކަމަށް ބެލެވޭ ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.
މަރުވި 6 މީހުންގެ ތެރޭގައި ހިމެނެނީ ސްރީ ލަންކާގެ އަސްކަރިއްޔާގެ ކޮމާންޑޯ ލަޝްކަރުގެ 4 ސިފައިންނާއި، ވައިގެ ސިފައިންގެ 2 މީހުންނެވެ. ހިނގުރަކްގޮޑެ އަސްކަރީ ވައިގެ ބަނދަރުން ހެނދުނު 6:47 ގައި ފުރި ހެލިކޮޕްޓަރު މާދުރު އޮޔެ ފެންގަނޑަށް ވެއްޓިފައިވަނީ 8:17 ގައެވެ.
މި ހާދިސާ ހިނގި ސަބަބު ދެނެގަތުމަށް ސްރީ ލަންކާގެ ކަމާ ގުޅޭ އިދާރާތަކުން މިހާރު ދަނީ ތަޙުޤީޤު ކުރަމުންނެވެ.