ރާއްޖެއަށް ހެޔޮ އަގުގައި މެދުނުކެނޑި ބޭސް ފޯރުކޮށްދިނުމަށްޓަކައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އާއި އިންޑިއާ ސަރުކާރުގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއާގެ ދަށުން ހިންގާ އެޗްއެލްއެލް ލައިފްކެއާ ލިމިޓެޑާ ދެމެދު އިއްޔެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެސްޓީއޯއިން ބުނީ މި އެއްބަސްވުމަކީ ރާއްޖޭގައި ބޭސް މަދުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ހޯދަން އުނދަގޫ ބޭސްތައް ލިބޭނޭ އިންތިޒާމުތައް ހަމަޖެހޭނެ ކަމަށާއި، މިވަގުތު ރާއްޖެއަށް ބޭނުންވާ އަސާސީ ބޭހުގެ ދަތިކަމަށް ވަގުތީ ހައްލެއް ހޯދައިދެވިފައިވާ ކަމަށްވެސް އެސްޓީއޯއިން ފާހަގަކޮށްފައިވެއެވެ.
އެސްޓީއޯއިން އިތުރަށް ބުނެފައިވަނީ މި އެއްބަސްވުމުގެ ދަށުން ފޯރުކޮށްދޭ ހުރިހާ ބޭހެއްވެސް ލިބެން ހުންނާނީ ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) ގެ މިންގަނޑުތަކާއި ރާއްޖެއަށް ބޭސް އެތެރެކުރުމަށް ހަދާފައިވާ ގަވައިދުތަކާ އެއްގޮތަށް ކަމަށެވެ.
އޭގެއިތުރުން، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި އެޗްއެލްއެލްއިން އެސްޓީއޯ އަށް މުހިންމު ބޭސްތައް ފޯރުކޮށްދީ، ހާލަތު ދަތިވެފައިވާ ވަގުތެއްގައި އިތުބާރުހުރި ޚިދުމަތްދޭ ޕާޓްނަރެއްކަން ސާބިތުކޮށްދީފައިވާ ކަމަށްވެސް އެސްޓީއޯއިން ފާހަގަކޮށްފައިވެއެވެ.