ދިވެހިރާއްޖެ 2.0 އިން ކޮރަޕްޝަން ނައްތާލެވޭނެ: ރައީސް

އާނާ ފަހީމް | 10 ގަޑިއިރު ކުރިން - 9 މޭ 2025 12:05
ރައީސް "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގެ ފަސްވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް
ރައީސް "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގެ ފަސްވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ދިވެހިރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ މަޝްރޫޢުގެ ދަށުން ޚިދުމަތްތައް އޮޓޮމޭޓްކޮށް ޑިޖިޓަލައިޒްކުރުމުން ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހުއްޓުވި، ދެފުށް ފެންނަ މިންވަރު އިތުރުވެގެންދާނެ ކަމަށް ރައީސް ވިދާޅުވެއްޖެ.

ދިވެހިރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ މަޝްރޫޢު "ދިވެހިރާއްޖެ 2.0" ގެ އެއް މައިގަނޑު މަޤްޞަދަކީ ކޮރަޕްޝަން ނައްތާލުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ އިއްޔެ ބޭއްވުނު "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގެ ފަސްވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އޮޓޮމޭޓްކޮށް ޑިޖިޓަލައިޒްކުރުމުން، މަޤާމުގެ ނުފޫޒު ފޯރުވުމާއި ނާޖާއިޒު ފައިދާ ނެގުމުގެ ފުރުޞަތު ހަނިވެ، ދެފުށް ފެންނަ މިންވަރު އިތުރުވެ، މަޢުލޫމާތު ހޯދައި ލިބިގަތުން ފަސޭހަވެ، ކޮރަޕްޝަން ބޮޑުތަނުން މަދުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ..

މި މަޝްރޫޢުގެ ދަށުން ސަރުކާރާއި ދައުލަތުގެ އިދާރާތަކުގެ އިތުރުން، ޕްރައިވެޓް ސެކްޓަރގެ މައިގަނޑު ޚިދުމަތްދޭ ފަރާތްތައްވެސް އެއް ވިއުގައަކުން ގުޅާލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިކަމަށް ބޭނުންވާ ޤާނޫނުގެ ދެލިކޮޕީވެސް އެކުލަވާލަމުންދާ ކަމަށް ވިދާޅުވިއެވެ.

ރާއްޖެ ޑިޖިޓަލައިޒްކުރުމުގެ މަސައްކަތް ކުރިއަށްދަނީ އެސްޓޯނިއާގެ އެހީތެރިކަމާއެކު ކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން މޯލްޑިވްސް ޑިޖިޓަލް ޓްރާންސްފޯމޭޝަން ސަމިޓުގައި އެސްޓޯނިއާގެ މާހިރުންގެ ޓީމެއް ބައިވެރިވާނެކަމަށް ރައީސް ހާމަކުރެއްވިއެވެ. އަދި މި މަސައްކަތުގައި އެސްޓޯނިއާގެ ސަރުކާރުން ދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، ދިވެހިރާއްޖެ 2.0 ގެ ތަސައްވުރު ޙަޤީޤަތަކަށް ހެއްދެވުމަށް ބޭނުންފުޅުވަނީ ކުރު މުއްދަތެއްގައި ކަމަށެވެ. އެސްޓޯނިއާއިން 25 އަހަރުން ކުރި މަސައްކަތް 4 އަހަރުން ކުރުމަށް މަސައްކަތްކުރަމުންދާ ކަމަށާއި، އެސްޓޯނިއާގެ ތަޖުރިބާއިން ދަސްވެގެން މިކަން ޙާޞިލުކުރެވޭނެ ކަމަށް އެޤައުމުގެ ކަމާބެހޭ ފަރާތްތަކުންވެސް ޤަބޫލުކުރާ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، މި ބޮޑު ބަދަލު ގެނައުމުގައި "ޗޭންޖް މެނޭޖްމަންޓް" ނުވަތަ ބަދަލުތައް އިންތިޒާމުކޮށް ބެލެހެއްޓުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި 2030 ވަނަ އަހަރާ ހަމައަށް އާދެވޭއިރު، ދިވެހި ޤައުމީ އުފެއްދުންތެރިކަމުގެ 15 އިންސައްތަ އަކީ ޑިޖިޓަލް އިޤްތިޞާދަށް ބަރޯސާވާ މިންވަރަކަށް ހެދުމަށް އުންމީދުކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%