ކުރީގެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ޝަރަފުވެރިކަމާއެކު ފުލުހުންގެ ހިދުމަތް އިއްޔެ ރިޓަޔާކުރައްވައިފި އެވެ.
ޝުޖާއު ރިޓަޔާކުރެއްވުމާ ގުޅިގެން އިސްކަންދަރު ބިލްޑިންގައި އިއްޔެ ހާއްސަ ރަސްމިއްޔާތެއް ބޭއްވި އެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ.
އެ ރަސްމިއްޔާތުގައިި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން އާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންގެ އިތުރުން ޝުޖާއުގެ އާއިލާގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގަތެވެ.
ފުލުހުން ބުނީ އެ ރަސްމިއްޔާތުގައި ޝުޖާއު ދެއްކެވި ވާހަކަގައި، ފުލުހުންގެ ހިދުމަތުގައި އޭނާ ހޭދަކުރެއްވި ދުވަސްތަކުގައި, އެކި މަސައްކަތްތަކުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށް ޝުކުރު އަދާކުރެއްވި ކަމަށެވެ.
އެ ރަސްމިއްޔާތުގައި ޝުޖާއުއަށް ޝަރަފުގެ ހަނދާނީ ފިލާ އަދި ރިޓަޔަމަންޓް ކާޑު އަރުވާފައިވެ އެވެ.
ޝަރަފުގެ ހަނދާނީ ފިލައަކީ، ޝަރަފުވެރިކަމާއެކު ރިޓަޔާކުރައްވާ ކޮމިޝަނަރުންނަށް ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން އަރުވާ ފިލައެކެވެ. މި ހަނދާނީ ފިލާގައި ހިމެނެނީ ކޮމިޝަނާ އަށް ލިބިވަޑައިގެންފައިވާ ކުލަތަކާއި މެޑަލްތައް އަދި ކޮމިޝަނާ އޮފް ޕޮލިސްގެ ޔުނިފޯމުގައި ހިމެނޭ އައިޓަމްތަކުގެ އިތުރުން ފުލުހެއްކަން އަންގައިދޭ ކާޑެކެވެ.
ރިޓަޔަމަންޓް ކާޑަކީ ޝަރަފުވެރިކަމާއެކު ރިޓަޔާކުރައްވާ ކޮންމެ ފުލުހަކަށް ވެސް ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން އަރުވާ ކާޑެކެވެ. މި ކާޑަކީ ފުލުހުންގެ މުއައްސަސާއިން ޝަރަފުވެރިކަމާއެކު ރިޓަޔާކުރެއްވި ބޭފުޅެއްކަން އަންގައި ދިނުމަށާއި ފުލުހުންގެ އިދާރާއަށް ވަދެވަޑައިގަންނަވާ ކޮންމެ ފަހަރަކު ވެސް ބޭނުންފުޅު ކުރެއްވޭނެ އައިޑެންޓިފިކޭޝަން ކާޑެކެވެ.
ޝުޖާއު ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގަތީ 2006 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ. ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގަތުމުގެ ކުރިން ތައުލީމީ ދާއިރާއަށް އަށް އަހަރު ދުވަހު ހިދުމަތްކުރައްވާފައިވެ އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ރޭންކުތަކުގެ ތެރެއިން ކޮމިޝަންޑު ރޭންކަށް ޝުޖާއު އިސްކުރެވުނީ 2008 ވަނަ އަހަރު އެވެ. އެއަށް ފަހު ފުލުހުންގެ ތަމްރީން، އޮޕަރޭޝަންސް، އިންޓެލިޖެންސް، އަދި އިންވެސްޓިގޭޝަން ފަދަ ދާއިރާތަކުގައި މަސައްކަތް ކުރެއްވުމުގެ އިތުރުން ފުލުހުންގެ ހިދުމަތުގެ ތެރޭގައި ލީޑާޝިޕް އަދި މެނޭޖްމަންޓް މަގާމުތައް ފުރުއްވާފައިވެ އެވެ. އަދި ގައުމީ ފެންވަރުގަ އާއި ބައިނަލްއަގުވާމީ ފެންވަރުގައި ވެސް ޕްރޮފެޝަނަލް ފޯރަމްތަކުގައި ރާއްޖޭގެ ސަރުކާރާއި ފުލުހުންގެ ހިދުމަތް ތަމްސީލުކުރައްވާފައިވެ އެވެ.
ޝުޖާއު ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރެއްވީ ޑިސެމްބަރު 24, 2023 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.









