އެތައް އަހަރެއް ވަންދެން ބޮއްސުންލާފައިއޮތް ތެލެސީމިއާގެ ކަންކަން ހަމަމަގަށްއަޅުވައި، ތެލެސީމިއާ ކުދިންނާއި އެކުދިންގެ ޢާއިލާތަކަށްހިތްހަމަޖެހުމާއި ފާގަތިކަން ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ދުނިޔޭގެ ތެލެސީމިއާ ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ޚިޠާބުގައި، އާބާދީގެ ނިސްބަތުން ބަލާއިރު ރާއްޖެއަކީ ތެލަސީމިއާ ކުދިންގެ އިންސައްތަ އެންމެ މަތީގައި ހުރި އެއް ޤައުމުކަމަށެވެ. އެގޮތުން އާބާދީގެ ކޮންމެ 18 މީހެއްގެ ތެރެއިން އެކަކީ ތެލެސީމިއާ ވާރުތަވުމުގެ ފުރުސަތު އޮންނަ ކެރިއަރެއްކަން ފާހަގަކުރެއްވިެއްވިއެވެ.
ރިޔާސީ އިންތިޚާބުގައި ތެލެސީމިއާ ކުދިންނަށްޓަކައި ހާމަކުރެއްވި ތަޞައްވުރާއި ވީވަޢުދުތައް ހަގީގަތަކަށް ހައްދަވާދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. އަދި ތެލެސީމިއާ ކުދިންނާއި އެކުދިންގެ ޢާއިލާތަކުގެ ވާހަކަތައް އަޑުއައްސަވައި، ރާއްޖޭގައި ތެލެސީމިއާއަށް ދެވޭ ފަރުވާގެ ކަންކަން ސީދާ އެމަނިކުފާނު ބައްލަވަމުން ގެންދަވާކަން ހާމަކުރެއްވިއެވެ.
ރަށްރަށުގައި ތެލެސީމިއާ ކުދިން އުފުލަމުންދާ ތަކުލީފުތަކަށް އަލިއަޅުއްވާލައްވައި، އެކުދިންގެ ސިއްޙަތު ސަލާމަތުން ބޭތިއްބުމާއި، ފަރުވާގެ ނިޒާމު ހަރުދަނާކުރުމަކީ ކަމާބެހޭ ހުރިހާ ފަރާތެއްގެ ޒިންމާއެއްކަމުގައި ރައީސް ހަނދާންކޮށްދެއްވިއެވެ. އަދި ތެލެސީމިއާ ކުދިންނަށް މުޖުތަމަޢުގައި ހަމަހަމަ ފުރުސަތުތައް ފަހިކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
ތެލެސީމިއާ ކުދިންގެ ޙައްގުގައި ލޭހަދިޔާކުރުމަށް ބާރުއަޅުއްވައި، އެކުދިންނަށް އެހީތެރިވުމުގައި މުޅި ދިވެހި ޤައުމުގެ ބައިވެރިވުމަށް ރައީސް އިިލްތިމާސްކުރެއްވިއެވެ. އަދި ތެލެސީމިއާ ކުދިންނަށް ދަތިވާ ކޮންމެ ކަމެއް ފަސޭހަކޮށްދިނުމަށް، ކޮންމެ ދިވެހި ރައްޔިތަކުވެސް ސަރުކާރަށް އެއްބާރުލުން ދެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.