ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ރަށްރަށުގެ ހާލަތު މޮނީޓާކުރަމުން އަންނަ ކަމަށް ލޯކަލް ގަވަނެންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ލޯކަލް ގަވަނެންސް މިނިސްޓްރީން ބުނީ ދެ މޫސުން ބެދޭ މި ދުވަސްވަރާ ދިމާކޮށް, ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެފައި ވާތީ, މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އާންމުންނަށް އިލްތިމާސްކުރާ ކަމަށެވެ.
ކުލަސްޓާ ތިނެއްގައި ހިމެނޭ ރަށްތަކަށް ގުޅައި, ވިއްސާރާގައި ލިބޭ ގެއްލުން ބަލަމުން އަންނަ ކަމަށާއި މިހާތަނަށް އައިއިރު ކަންބޮޑުވާ ވަރުގެ ކަމެއް ހިނގާފައި ނުވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ މިހާރު ކުރަމުން މިދާ ވިއްސާރައާ ގުޅިގެން މިނިސްޓްރީގެ ކުލަސްޓާ ނިޒާމުގެ ތެރޭން ކުލަސްޓާ އެގްޒެކްޓިވުންނާއި ކޯޑިނޭޓަރުން އެކި ސިޓީތަކަށާއި ރަށްތަކަށް ގުޅައި ވިއްސާރާގައި ރައްޔިތުންނަށް ލިބެމުންދާ ދަތިތައް ވަރަށް ގާތުން ބައްލަވަމުން އަންނަ ކަމަށެވެ.
މާދަމާގެ ނިޔަލަށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ މިދިޔަ ބުދަ ދުވަހު ނޫސްބަޔާނެއް ނެރެފަ އެވެ. އެ އޮފީހުން ބުނި ގޮތުގައި, މިހާރު މި ކުރާ ވިއްސާރައަކީ އިރުވައި މޫސުން ނިމި, ހުޅަނގު މޫސުން ފެށުމާ ދެމެދުގައި, ދެ މޫސުން ބެދޭ ދުވަސްވަރާ ދިމާކޮށް ކުރާ ވިއްސާރަ އެވެ.