ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަމަށް ލަފާ ކުރެވޭނެ ކަމަށް ބުނެ މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން އިންޒާރު ދެއްވައިފިއެވެ. މިހާރުވެސް ރާއްޖޭގެ ގިނަ ސަރަޙައްދުތަކަށް ވަނީ ބޯކޮށް ވާރޭވެހި، ވިއްސާރަކޮށްފައެވެ.
މެޓް އޮފީހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މިހާރު ރާއްޖެއަށް ކުރަމުންދަނީ ދެމޫސުން ބަދަލުވާ ދުވަސްވަރު ކުރާ ވިއްސާރައެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވެއެވެ.
ރެއިން ފެށިގެން ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެފައިވާތީ، ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ.
މެޓް އޮފީހުން އިތުރަށް ބުނެފައިވާ ގޮތުގައި މެދުރާއްޖެއާއި ދެކުނުގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެއެވެ. އެހެންކަމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައި ވެއެވެ.
ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ގެދޮރުގެ ސަލާމަތަށްޓަކައި ފެން ނުވަންނާނެހެން ސަލާމަތީ ފިޔަވަޅުތައް އެޅުމަށް އިރުޝާދު ދެއްވާފައިވާއިރު، މިހާރުކުރަމުންދާ ވިއްސާރަ އަލިވާނެކަމަށް ބެލެވެނީ ހުކުރު ދުވަހު ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.
މީގެ އިތުރުން، މެޓް އޮފީހުން ވަނީ ބޯކޮށް ވާރޭވެހި ފެންބޮޑުވާނެކަމަށް ލަފާކޮށް، ރ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފައެވެ. އަދި ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދު ވައިގަދަވާނެކަމަށް ލަފާކޮށް ހުދު ސަމާލުވެސް ނެރެފައިވެއެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނު ތަންތަން:
- ހުޅުލެ: 103.5 މިލިމީޓަރު
- ހދ. މަކުނުދޫ: 95.9 މިލިމީޓަރު
- ފުވައްމުލައް ސިޓީ: 76 މިލިމީޓަރު
- މާލެ: 63 މިލިމީޓަރު