ރާއްޖެ އާއި އިންޑިއާއާ ދެމެދު ހަދާފައިވާ އެއްބަސްވުންތައް އާންމު ނުކުރެވެެނީ އެ އެއްބަސްވުމުގައި މައުލޫމާތު ހާމަކުރުމާ ގުޅޭ ގޮތުން ހިމަނާފައިވާ ބައެއް މާއްދާތަކެއްގެ ސަބަބުން ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.
އެ އެއްބަސްވުންތައް އާންމުނުކުރާ ކަމަށް ބުނާ މައްސަލާގައި ޣައްސާން މިއަދު ވަނީ ރައްޔިތުން މަޖިލީހަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.
ޣައްސާން ވިދާޅުވީ 1965 ވަނަ އަހަރު ރާއްޖެއަށް މިނިވަންކަން ލިބުނީއްސުރެ އިންޑިއާ އެކު ރާއްޖެއިން 100 އަށް ވުރެ ގިނަ އެއްބަސްވުން ހަދާފައިވާ ކަމަށާއި އޭގެ ތެރެއިން ޑިފެންސް މިނިސްޓްރީން ޒިންމާވާ ގޮތަށް އޮތީ ހަތަރު އެއްބަސްވުމެއް ކަމަށެވެ.
ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ ތެރެއިން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާއި ސިޔާދަތަށް ގެއްލުން ނުވާ ގޮތަށް އެ އެއްބަސްވުންތަކަށް ބަދަލު ގެނެސްފައިވާ ކަމަށާއި އެއާ ގުޅޭ އެހެން މަސައްކަތްތައް މިހާރު ވެސް ކުރިއަށް ގެންދާ ކަމަށް ޣައްސާން ވިދާޅުވި އެވެ.
ޣައްސާން ވިދާޅުވީ އުތުރު ތިލަފަޅުގައި ތަރައްގީކުރާ ސިފަވަރުގެ އެއްބަސްވުންތައް ވެސް ހަދާފައިވާ ގޮތް، ދެ ގައުމު ހިމެނޭ އެކަމަށް ހާއްސަ ހައި-ލެވަލް ކޮމިޓީއަކުން ބަލަމުން އަންނަ ކަމަށެވެ.
މަޖިލީހުގެ ބާރާއި އިމްތިޔާޒުތަކަށް ސަރުކާރުން ފުރިހަމައަށް އިހުތިރާމުކުރާ ކަމަށާއި މަޖިލީހުން އެދޭ ހާލަތުގައި ހާމަކުރެއްވެން ހުރި މައުލޫމާތުތައް މަޖިލީހުގެ 241 ކޮމިޓީއާ ހިއްސާކުރައްވާނެ ކަމަށް ޣައްސާން ވިދާޅުވި އެވެ.
ޣައްސާން ވިދާޅުވީ އިންޑިއާގެ އަސްކަރީ ސިފައިން މިހާރު ރާއްޖޭގައި ނުތިބޭނެ ކަމަށާއި އޭރު ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ 71 މީހުން ދެ ގައުމުގެ މަޝްވަރާތަކަށް ފަހު އިންޑިއާއަށް އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ. އަދި އިންޑިއާގެ ސިފައިން ރާއްޖޭގައި އެއްވެސް ހަތިޔާރެއް ގެންގުޅެފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.