ސީ އެމްބިއުލާންސްގެ ހިދުމަތް ރަނގަޅުކުރުމަށް މި އަހަރު އިތުރު 10 ލޯންޗު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ޣައްސާން ވަނީ ހާޒިރުކުރައްވައިފަ އެވެ.

އެ ޖަލްސާގައި މެންބަރުން ކުރެއްވި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށަކަށް އަވަސްކަމާ އެކު ސީއެމްބިއުލާންސްގެ ހިދުމަތް ފޯރުކޮށް ނުދެވޭ ކަމަަށެވެ. އެ މަސައްކަތް ލަސްވެފައި ވަނީ ހުރި ބައެއް ގޮންޖެހުންތަކުގެ ސަބަބުން ކަމަށް އޭނާ ބުންޏެވެ.

މިހާރު ބޭނުންކުރާ ގިނަ އުޅަނދުތައް ހުރީ ވެސް ބާވެފައި ކަމަށާއި އުޅަނދުތައް ބޭނުންކުރާ ވަރު ވެސް ކުރިއަށް ވުރެ މަދު ކަމަށް އޭނާ ވިދާޅުވި އެވެ.

ޣައްސާން ވިދާޅުވީ ސީއެމްބިއުލާންސްގެ ހިދުމަތް ދިނުމުގައި މިހާރު އަމަލުކުރަމުން އަންނަ އުސޫލުގެ ދަށުން އާސަންދައިން އެޕްރޫވް ލިބުމާ އެކު އެމްއެންޑީއެފުން އެ ހިދުމަތް ދޭން ފައްޓާނެ ކަމަށެވެ.