ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތަކީ ކޮންމެ ރައްޔިތެއްގެ ހައްގު ރައްކާތެރިކޮށްދޭ އަހުލާގީ ޒިންމާއެއް: ނައިބު ރައީސް

އަހްމަދު އީޒާން | 42 ދުވަސް ކުރިން - 6 މޭ 2025 13:54
ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް "އިންޓަނޭޝަނަލް ފޯރަމް އޮން އިންޓެގްރިޓީ 2025"ގައި ވާހަކަދައްކަވަނީ / ފޮޓޯ: ރައީސް އޮފީސް
ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް "އިންޓަނޭޝަނަލް ފޯރަމް އޮން އިންޓެގްރިޓީ 2025"ގައި ވާހަކަދައްކަވަނީ / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ނައިބު ރައީސް ވިދާޅުވީ އިންވެސްޓަރުންނާއި މުޖުތަމައުގެ އިތުބާރު ހޯދުމުގައި ޓޫރިޒަމްގެ ދާއިރާގައި ނަޒާހަތްތެރިކަން އިސްކުރުމަކީ އަސާސީ ކަމެއް ކަމަށް.

ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތަކީ ހަމައެކަނި ގާނޫނީ ޒިންމާއެއް ނޫން ކަމަށާއި އެއީ ކޮންމެ ރައްޔިތެއްގެ ހައްގުތައް ރައްކާތެރިކޮށްދޭ އަހުލާގީ ޒިންމާއެއް ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ. މި

"އިންޓަނޭޝަނަލް ފޯރަމް އޮން އިންޓެގްރިޓީ 2025"ގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ އެ ފޯރަމްގެ މި އަހަރު ތީމް ކަމަށްވާ "ޓޫރިޒަމްގެ ދާއިރާގައި ނަޒާހަތްތެރިކަން ވަރުގަދަކޮށް ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުން" އަކީ މި ވަގުތާ ގުޅުންހުރި އަދި ވަރަށް މުހިންމު މައުލޫއެއް ކަމަށެވެ.

ނައިބު ރައީސް ވިދާޅުވީ އިންވެސްޓަރުންނާއި މުޖުތަމައުގެ އިތުބާރު ހޯދުމުގައި ޓޫރިޒަމްގެ ދާއިރާގައި ނަޒާހަތްތެރިކަން އިސްކުރުމަކީ އަސާސީ ކަމެއް ކަމަށެވެ. އަދި ތެދުވެރިކަމާ އެކު ޖަވާބުދާރީވުމަކީ ރާއްޖެ ކަހަލަ ޓޫރިޒަމަށް ވަރަށް ބޮޑަށް ބަރޯސާވާ ގައުމަކަށް ރާއްޖޭގެ ރީތި ނަން ދަމަހައްޓައި ދިގު މުއްދަތުގެ ކުރިއެރުން ހޯދުމަށް ވަރަށް މުހިންމު ކަމެއް ކަމަށް ވިދާޅުވި އެވެ.

މި ދާއިރާގެ މީހުންގެ ގާބިލުކަން އިތުރުކުރުމާއި އީޖާދީ ވިސްނުންތައް ފުޅާކުރުމުގައި ސަރުކާރާއި އަމިއްލަ އަދި މަދަނީ ފަރާތްތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ ދައުރު ވަރަށް މުހިންމު ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.

ދާއިރާގެ އިތުބާރު ދެމެހެއްޓުމަށް ރަނގަޅު ސިޔާސަތުތައް އެކުލަވާލައި އެކަށީގެންވާ ގޮތެއްގައި ދާއިރާގެ ކަންކަން މޮނިޓާކޮށް, ތަންފީޒުކޮށް އަދި ގަވާއިދުތަކަށް ބޯލެނބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ވިސުލްބްލޯވާސް އަށް ބާރުދީ، މައްސަލަ ހާމަކުރާ ފަރާތްތަކުގެ ރައްކާތެރިކަން ދޭން ޖެހޭ ކަމަށާއި ކޮންމެ މަސައްކަތެއްގައި ވެސް ނަޒާހަތްތެރިކަން އިސްކުރަން ޖެހޭ ކަމަށެވެ. ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ މުއައްސަސާތައް ބާރުވެރިކޮށް, އެކަށީގެންވާ ވަސީލަތްތައް ލިބިފައިވާ އަދި ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ތަންތަން ކަމުގައި ވާން ޖެހޭ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.

ދެ ދުވަހުގެ މުއްދަތަށް ބާއްވާ "އިންޓަނޭޝަނަލް ފޯރަމް އޮން އިންޓެގްރިޓީ" އަކީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ މެމްބަރު ގައުމުތަކުގެ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ މުއައްސަސާތައް ބައިވެރިވާ ފޯރަމެކެވެ. އެ ފޯރަމުގައި 180 އަށް ވުރެ ގިނަ މުއައްސަސާތަކުން ބައިވެރިވެފައިވެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%