"ސަޢުދީ-މޯލްޑިވްސް އިންޓަރނޭޝަނަލް ފޯރަމް އޮން އިންޓެގްރިޓީ" ވިލާ ނޯޓިކާގައި މިއަދު ފަށައިފިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފެވެ. މި ފޯރަމަކީ ރާއްޖޭގެ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ސަޢޫދީ ޢަރަބިއްޔާގެ އޯވަރސައިޓް އެންޑް އެންޓި-ކޮރަޕްޝަން އޮތޯރިޓީ (ނަޒާހާ) ގުޅިގެން ދެ ދުވަހުގެ މުއްދަތަށް ބާއްވާ ޚާއްސަ ފޯރަމެކެވެ.
ފޯރަމްގެ ތީމަކީ "ސްޓްރެންތެނިންގ އިންޓަގްރިޓީ އެންޑް ކޮމްބެޓިންގ ކޮރަޕްޝަން އިން ދަ ޓޫރިޒަމް ސެކްޓަރ" އެވެ. މި ފޯރަމްގެ މަޤްޞަދަކީ ފަތުރުވެރިކަމުގެ ދާއިރާގައި ކޮރަޕްޝަންގެ ސަބަބުން ދިމާވާ ހުރަސްތަކާއި ގޮންޖެހުންތައް ނައްތާލުމަށް މަސައްކަތްކުރުމެވެ.
ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އޭސީސީގެ ރައީސް އަލްއުސްތާޛް އާދަމް ޝާމިލް ވިދާޅުވީ، މި ފޯރަމަކީ ނަޒާހަތްތެރި މުޖުތަމަޢެއް ބިނާކުރުމަށް ކުރެވޭ މަސައްކަތްތަކަށް ލިބިގެންދިޔަ އިތުރު ބާރެއް ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ސިނާޢަތުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި ކޮރަޕްޝަނަށް ހުރި ހިރާސްތައް ނައްތާލަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ފޯރަމްގައި އޯއައިސީގެ 40 އަށްވުރެ ގިނަ މެންބަރު ޤައުމުތަކުގެ ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރާ އަދި ފަތުރުވެރިކަމާ ބެހޭ އިދާރާތަކާއި، ބައިނަލްއަޤުވާމީ އިދާރާތައް ހިމެނޭހެން 180 އަށްވުރެ ގިނަ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ. ފޯރަމްގައި ފަތުރުވެރިކަމުގެ ދާއިރާގައި ކޮރަޕްޝަނުގެ ސަބަބުން ދިމާވާ ހުރަސްތަކާއި ގޮންޖެހުންތަކާމެދު މަޝްވަރާކުރެވޭނެއެވެ. އަދި ދެފުށްފެންނަ ނިޒާމެއްގެ ދަށުން މި ދާއިރާ ހިންގުމަށް ހުރި ގޮންޖެހުންތަކާއި، ޖަވާބުދާރީ ކުރުވުމުގެ ނިޒާމު ހަރުދަނާކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.









