މަރުގެ މައްސަލަތައް ބަލާ އެންމެ ބޮޑުމީހާ ވަކިކޮށްފި

އައިޝަތު އީމާން | 8 ގަޑިއިރު ކުރިން - 5 މޭ 2025 21:30
މަރުގެ މައްސަލަތައް ތަޙުޤީޤުކުރާ މައި ޑިޕާޓްމަންޓް ހުންނަ ޝަހީދު ޙުސައިން އާދަމް ބިލްޑިންގް: ޑެތު އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ހެޑް މިހާރު ވަނީ އެހެން ޑިޕާޓްމަންޓަކަށް ބަދަލުކޮށްފަ. / ފޮޓޯ: ޚުލާޞާ
މަރުގެ މައްސަލަތައް ތަޙުޤީޤުކުރާ މައި ޑިޕާޓްމަންޓް ހުންނަ ޝަހީދު ޙުސައިން އާދަމް ބިލްޑިންގް: ޑެތު އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ހެޑް މިހާރު ވަނީ އެހެން ޑިޕާޓްމަންޓަކަށް ބަދަލުކޮށްފަ. / ފޮޓޯ: ޚުލާޞާ
ޚުލާސާ

އެހެން ޑިޕާޓްމަންޓަކަށް ބަދަލުކުރީ ކުރިން ހޯމިސައިޑް އެންޑް ޑެތު އިންވެސްޓިގޭޝަން ޔުނިޓްގެ ވެރިޔާ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ސާމިޙު.

ހޯމިސައިޑް އެންޑް ޑެތު އިންވެސްޓިގޭޝަން ޔުނިޓްގެ ވެރިޔާ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ސާމިޙު އެ މަޤާމުން މިއަދު ވަކިކޮށްފިއެވެ. އޭނާ މަޤާމުން ވަކިކުރީ މިދިޔަ މަހު 18 ވަނަ ދުވަހު އުސް އިމާރާތަކުން ވެއްޓުނު 21 އަހަރުގެ ހައްވާ ޔުމްނާގެ މަރުގެ މައްސަލައިގެ ތަޙުޤީޤާ މެދު ސުވާލުތަކެއް އުފެދި، ފުލުހުންނަށް ފާޑުކިޔުންތައް އަމާޒުވަމުންދާ ދަނޑިވަޅެއްގައެވެ.

ސާމިޙު މަޤާމުން ވަކިކޮށްފައިވަނީ އޭނާ ޗުއްޓީއެއްގައި ހުއްޓައެވެ. އަދި އޭނާ ވަނީ ފުލުހުންގެ ތަޙުޤީޤުތަކުގެ ފެންވަރު ބަލާ، އިންވެސްޓިގޭޝަންތަކުގެ ސްޓޭންޑަޑް ކަނޑައެޅުމުގެ ޒިންމާ އޮންނަ ޑިޕާޓްމަންޓަކަށް ބަދަލުކޮށްފައެވެ. ނަމަވެސް، މި ބަދަލުގެނައި ސަބަބު ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ހައްވާ ޔުމްނާގެ އާއިލާއިން ވަނީ ކުރިން ސާމިޙު މަޤާމުން ވަކިކުރުމަށް ގޮވާލާފައެވެ. އަދި މި މައްސަލައިގެ ތަޙުޤީޤުގައި ބައެއް ކަންކަން ފުލުހުން ފޮރުވަން މަސައްކަތްކުރާ ކަމަށް ތުހުމަތުކުރެވޭ ކަމަށް ބުނެ ރައީސް ޓެގްކޮށް، ޔުމްނުގެ އާއިލީ މެމްބަރެއްކަމަށްވާ މުހައްމަދު މުއުމިން އެކްސްގައި ކުރި ޕޯސްޓެއްގައި ސާމިހު ވަނީ އާއިލާއަށް ތަކުރާރުކޮށް ދޮގު ހަދާފައިކަމަށާއި، އެހެންކަމުން މި މައްސަލައިގައި ކަންކަން އިސްލާހުކުރަން ބޭނުންނަމަ ފުރަތަމަ ފިޔަވަޅަށް އޭނާ ވަކިކޮށްދިނުމަށް މުއުމިން ވަނީ އެދިފައެވެ.

ޔުމްނުގެ މައްސަލަ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ރިޔާސީ ކޮމިޝަނެއް އުފައްދަވާފައެވެ.

އެމަނިކުފާނު ވިދާޅުވެފައިވަނީ ކޮމިޝަނުން މައްސަލަ ނިންމާ ގޮތުން، ވަކި މީހަކަށް ބެލުމެއްނެތި އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސަރުކާރުން ވަނީ ޔުމްނުގެ މައްސަލަ ވަރަށް ސީރިއަސްކޮށް ނަންގަވައި ޔުމްނުގެ ބޭސްފަރުވާގެ ކަންކަން ވެސް އޮންނަ އުޞޫލުން ހަމަޖައްސައިދީފައެވެ. ނަތީޖާއެއްގެ ގޮތުން މިހާރު ޔުމްނުގެ ހާލު އަންނަނީ ރަނގަޅުވަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%