ފިކުރީ ބަލިމަޑުކަމުގެ ހަގީގީ ހައްލަކީ އިތުބާރުހުރި މަސްދަރުތަކުން އިލްމު ހޯދުން: ޝަހީމް

އަހްމަދު އީޒާން | 42 ދުވަސް ކުރިން - 5 މޭ 2025 11:15
އިމާމުންނާއި އިލްމުވެރިންގެ ކެޕޭސިޓީ އިތުރުކުރުމަށް ބާއްވާ ފޯރަމްގައި މިނިސްޓަރު ޝަހީމް ވާހަކަދައްކަވަނީ / ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އިމާމުންނާއި އިލްމުވެރިންގެ ކެޕޭސިޓީ އިތުރުކުރުމަށް ބާއްވާ ފޯރަމްގައި މިނިސްޓަރު ޝަހީމް ވާހަކަދައްކަވަނީ / ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޚުލާސާ

ޝަހީމް ވިދާޅުވީ އިސްލާމްދީން އަންގަވަނީ މުސްލިމުންނާއި މުސްލިމުން ނޫން މީހުންނާ ވެސް ހެޔޮކޮށް، ރަހުމަތްތެރިކަމާއި އިންސާފުވެރިކަމާ އެކު މުއާމަލާތްކުރުމަށް ކަމަށް.

ފިކުރީ ބަލިމަޑުކަމުގެ ހަގީގީ ހައްލަކީ އިތުބާރުހުރި މަސްދަރުތަކުން އިލްމު ހޯދުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ޝަހީމް އެގޮތަށް ވިދާޅުވީ އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރެރިޒަމް ކޯލިޝަނާއި ރާއްޖޭގެ ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ގުޅިގެން އިމާމުންނާއި އިލްމުވެރިންނަށް ބާއްވާ ކެޕޭސީޓީ އިތުރުކުރުމުގެ ފޯރަމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކައިގަ އެވެ.

ޝަހީމް ވިދާޅުވީ އިސްލާމީ ތާރީހުގައި އިލްމުވެރިންނާއި އިމާމުންނަކީ މުޖުތަމައުގެ އެންމެ އިސްދައުރެއް އަދާކުރާ ބޭފުޅުން ކަމަށާއި ދީނީ ގޮތުންނާއި އިޖުތިމާއީ ގޮތުން އާންމު ފަރުދުން ހޭލުންތެރިކުރުމުގައި އެންމެ އިސްދައުރެއް އަދާކުރަނީ ވެސް ހަމަ އެ ބޭފުޅުން ކަމަށެވެ.

ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ ވަބާއަކީ ވަކި ދީނަކާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި އެ ފިކުރީ ބަލިމަޑުކަމަށް އޮތް ހަގީގީ ހައްލަކީ އިތުބާރުހުރި މަސްދަރުތަކުން އިލްމު ހޯދުން ކަމަށް ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ ޓެރަރިޒަމާއި ހަރުކަށި ފިކުރާއި ގުޅޭ ސައްހަ ތަފްސީލީ މައުލޫމާތު ހިއްސާކުރުމަށް ބޭއްވޭ އެ ފޯރަމަކީ ވަރަށް މުހިންމު ފޯރަމެއް ކަމަށާއި އިސްލާމްދީން އަންގަވަނީ މުސްލިމުންނާއި މުސްލިމުން ނޫން މީހުންނާ ވެސް ހެޔޮކޮށް، ރަހުމަތްތެރިކަމާއި އިންސާފުވެރިކަމާ އެކު މުއާމަލާތްކުރުމަށް ކަމަށެވެ.

"އަޅުގަނޑުމެންނަށް ޖިހާދާއި ޓެރަރިޒަމްއާ ހުރި ތަފާތު އެނގެން ޖެހޭނެ. ޝަރީއަތުގައި ޖިހާދަށް ވަކި އުސޫލުތަކެއް ކަނޑައަޅާފައިވޭ. އަދި އެކަން ވަކިވަކި ފަރުދުންގެ އަތްމައްޗަކަށް ދޫކޮށްފައެއް ނުވޭ. އެހެނަސް، އެއީ ދައުލަތާއި ވެރިޔާގެ ޒިންމާއެއް. ޖިހާދުގެ ހިކުމަތަކީ ގައުމާއި އޭގެން ރައްޔިތުން ރައްކާތެރިކުރުން. އިސްލާމްދީނުގައި ޓެރަރިޒަމްގެ ހުރިހާ ވައްތަރެއް ވެސް މަނާކުރައްވާފައިވޭ،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވަނީ އިސްލާމީ އުއްމަތް ޓެރަރިޒަމާއި ހަރުކަށި ފިކުރު ފަދަ ފިކުރުތަކުން ސަލާމަތްކުރުމަށް ސައުދީ އަރަބިއްޔާ އިސްވެ އޮވެ ކުރާ މުހިންމު މަސައްކަތް ފާހަގަކުރައްވައި، ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އަށާއި ޕްރިންސް މުހައްމަދު ބިިން ސަލްމާން އަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިސްނަގައިގެން މިފަދަ ފިކުރުތަކާއި ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދާ ކަމަށާއި ރާއްޖެ އާއި ސައުދީ އަރަބިއްޔާ ގުޅިގެން މިކަމުގައި މުހިންމު މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%