މަސްތުގެ ހާލަތުގައި ހުރެ ލޯންޗު ދުއްވައި، އެކްސިޑެންޓުވި މައްސަލަަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ މާލެ އަތޮޅުގައި އޮންނަ ވާދޫ ރިސޯޓާ ދިމާއިން ކަނޑުއޮޅީގެ ބޭރުން ލޯންޗަކާއި ފެރީ ދޯންޏެއް ޖެހި އެކްސިޑެންޓުވި މައްސަލަ، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 7:26 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ ރިޕޯޓާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ގޮސް ބެލިބެލުމުން، އެކްސިޑެންޓުވި ލޯންޗު ދުއްވި މ. ކޮޅުފުށި، ޒަހީރާމަންޒިލް، ނާޝާދު ވަލީދު މުހައްމަދު، 41 އެ ވަގުތު ހުރީ މަސްތުގެ ހާލަތުގައިކަން ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެހެންވެ، އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެެއް ނުވާ ކަމަށެވެ.
އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.









