ރާއްޖޭގައި ހިނގާ ނުރަނގަޅު ކަންކަމުގެ އަސްލަކީ ވެރިން ނޫން ކަމަށާއި ރިޔާސީ ނިޒާމު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އަބަދުވެސް ބަރުލަމާނީ ނިޒާމަށް ތާއީދުކުރައްވައި އެކަމަށް ވަރަށް ގިނައިން ވަކާލާތުކުރައްވާ ނަޝީދު މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއަށް ދިމާވެފައި އޮތީ ވަކި ވެރިއެއްގެ މައްސަލައެެއް ނޫން ކަމަށެވެ. އަސްލު މައްސަލައަކީ ރިޔާސީ ނިޒާމުގެ ވެރިކަން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ޕާލިމަންޓަރީ ނިޒާމާއި ޕްރިފެރެންޝިއަލް [ގިނަ ވޯޓް ދެވޭ] ވޯޓިން އަށް ބަދަލުވެއްޖެ ނަމަ އެތައް ކަމެއް އިސްލާހު ވާނެ ކަމަށް ދެކެން." މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ ނަޝީދު ވިދާޅުވި އެވެ.
ޕްރިފެރެންޝިއަލް ވޯޓާއި އެއްގޮޮތަށް ރިޔާސީ އިންތިހާބު އެއްބުރުން ނިންމާ ގޮތަށް ބަދަލުކުރުމުގެ ވިސްނުންފުޅު މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާތީ, އެކަމަށް ތާއީދުކުރައްވާ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
ރިޔާސީ އިންތިހާބު ބާއްވާ ގޮތް ބަދަލުކުރުމާއި ގުޅޭ ގޮތުން ރައީސް ޑރ. މުއިއްޒު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވިދާޅުވެފައި ވަނީ އެ މަނިކުފާނުގެ އަމިއްލަފުޅު ވިސްނުމަކީ ރިޔާސީ އިންތިހާބުގައި ދެވަނަ ބުރަށް ނުގޮސް ފުރަތަމަ ބުރާއި ހިސާބުން ބޭފުޅަކު ކަނޑައެޅުން ކަމަށް ވާތީ, ޕްރިފަރެންޝަލް ނިޒާމަކަށް އަމަލުކުރަން އެޓާނީ ޖެނެރަލް އޮފީހުން ދިރާސާތައް ކުރަމުން އަންނަ ކަމަށެވެ.
ރައީސް ވިދާޅުވީ އޭރުން ރިޔާސީ އިންތިހާބަށް ދައުލަތުން ކުރާ ހަރަދު ވެސް ވަރަށް ބޮޑަށް ކުޑަކުރެވޭނެ ކަމަށެވެ.
ނަމަވެސް, އެކަން ކުރައްވާނީ މަޖިލީހަށް ހުށަހަޅައިގެން އާންމުންގެ ހިޔާލު ވެސް ހޯދައިގެން ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.