ހުޅުމާލެއިން ސައިކަލެއް ވަގަށް ނަގައިގެން ދުއްވި ދެމީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ސައިކަލެއް ވަގަށް ނަގައިގެން ދުއްވި ކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ލ. މާވަށް, ގްލޯރީ، އަހުމަދު ވިސާން, 30 އާއި ގދ. ގައްދޫ, ބުލާޝަމްއާގެ، މުހައްމަދު އަތީފް, 48 އެވެ.
ފުލުހުން ބުނީ އެ ދެމީހުން ހައްޔަރުކޮށްފައި ވަނީ ރޭ ފަތިހު ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު، ފުލުހުން ފެނުމުން އެމީހުންގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައި ފާސްކޮށްފައި ކަމަށެވެ.
ހުޅުމާލެ ދިއްގާމަގު، ބީޗް ކުލަބު ކައިރިން ސައިކަލެއްގައި ދަނިކޮށް އެ މީހުން ހުއްޓުވައި, ބަލައި ފާސްކުރި އިރު, އެ ސައިކަލަކީ ވަގަށް ނަގައިގެން ދުއްވަމުން ދިޔަ ސައިކަލެއްކަން ތުހުމަތުކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.