ހުޅުމާލޭގައި މަސްތުގެ ހާލަތުގައި ހުރެ ނުރައްކާތެރިކޮށް ޓެކްސީ ދުއްވި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހައިވޭ ބެލެހެއްޓުމުގައި ހަރަކާތްތެރިވި ފުލުހުންނަށް ހެޑްލައިޓް ނުދިއްލާ ހަތަރު ސިގްނަލް ޖައްސައިގެން ނުރައްކާތެރިކޮށް, ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ފާހަގަކުރެވުނު ކަމަށެވެ. އަދި އެ ކާރު މަޑުކުރަން އެންގުމުން މަޑުނުކޮށް ގޮސްފައި ވާތީ، އެހެނިހެން ބީޓްތަކުގެ ސަމާލުކަމަށް މިކަން ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައުލޫމާތާ ގުޅިގެން ހުޅުމާލެ ޕެޓްރޯލްކުރުމުގައި ހަރަކާތްތެރިވި ފުލުހުންގެ ޕެޓްރޯލް ބީޓްތަކުން އެ ކާރު ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ހުޅުމާލެ ފޭސް އެކެއްގެ ހައިވަކަރު މަގުން ޓްރީޓޮޕާ ދިމާއަށް ދަތުރު ކުރަމުންދާ މަންޒަރު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މަޑުކުރުމަށް އިޝާރާތް ކުރުމުން މަޑުނުކޮށް، ބަމްޕަރުތަކަށް ވެސް އަދި ގޯޅި އަޅާއިރުވެސް ދުވެލި މަޑު ނުކޮށް, ނުރައްކާތެރިކޮށް ދަތުރު ކުރަމުން ގޮސްފައިވާ ކަމަށެވެ.
އެގޮތަށް ދުއްވަމުން ގޮސް ކާރު މަޑުކޮށްފައި ވަނީ ރަބަރުގަސްމަގު، ފްލެޓް ނަންބަރު 97 ކައިރިއަށް ކަމަށާއި ފުލުހުން ކާރު ކައިރިއަށް ދިއުމުން އަނެއްކާވެސް ކާރު ދުއްވާލަން އުޅެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ އެ ކާރު ދުއްވަން އިން މީހާ ހައްޔަރުކޮށްފަ އެވެ. އެއީ ހމ. ފްލެޓްނަންބަރު 07-1-4، މުހަމަދު މާއިސް، 23 އެވެ.
އޭނާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ތިން ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
ފުލުހުން ބުނީ މި ކާރު ހުއްޓުވި އިރު، ކާރުގެ ކަނާތްފަރާތު ފަހަތު ފުރޮޅުގެ ޓަޔަރު ނެތް ކަމަށާއި ޓަޔަރު ފެނިފައި ވަނީ 103 ނަންބަރު ފްލެޓް ކައިރިން ކަމަށެވެ. އިތުރު ގެއްލުން ވެސް ކާރަށް ލިބިފައިވާ ކަމަށާއި މި މައްސަލައާ ގުޅިގެން، ކާރު ޓޯކޮށް މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.