ދީނީ ޚިދުމަތްތައް ވަރަށް ފުޅާކޮށް ފޯރުކޮށްދެވޭނެ، ބަޖެޓަށް ބަރޯސާ ނުވާނެ: ރައީސް

ހުސައިން އިސްމާއިލް | 12 ގަޑިއިރު ކުރިން - 3 މޭ 2025 18:36
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއަދު ރައީސް ވާހަކަފުޅު ދައްކަވަނީ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއަދު ރައީސް ވާހަކަފުޅު ދައްކަވަނީ.
ޚުލާސާ

ދީނީ ކަންކަން ފުޅާކޮށް ކުރިޔަށް ގެންދާއިރު ދައުލަތުގެ ބަޖެޓުގައި އަތް ނުލައި އެކަންކަން މުޅި ރާއްޖޭގައި ކުރިޔަށް ގެންދެވޭނެ މަގު ސަރުކާރުން ހޯދައިފި.

ދީނީ ޚިދުމަތްތައް ފުޅާކޮށް، އެ ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ ވަގުފް އިންވެސްޓްމަންޓްގެ ތިން މަޝްރޫޢު ނިމުމުން، ދައުލަތުގެ ބަޖެޓަށް ބަރޯސާނުވެ ދީނީ ޚިދުމަތްތައް ފޯރުކޮށްދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ އެންމެ މުހިންމު އެއް މަސައްކަތަކީ ވަގުފް އިންވެސްޓްމަންޓްގެ މަސައްކަތްތައް ކަމަށެވެ. އަދި މިއީ ދުރުރާސްތާގެ ވިސްނުމަށް ވަރަށް މުހިންމު މަސައްކަތެއް ކަމުގައި ފާހަގަކުރެއްވިއެވެ.

މި މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އިމާރާތްކުރާ "ދާރުއްސަލާމް އިސްލާމިކް ކޮމްޕްލެކްސް" އާއި، މާލޭގައި އިމާރާތްކުރާ "ދާރުލްއަރުގަމް" އަދި ކީރިތި ޤުރުއާނާ ބެހޭ ޚާއްޞަ ވަގުފް އިމާރާތެވެ. މި މަޝްރޫޢުތަކުގެ ތެރެއިން ދާރުއްސަލާމް އިސްލާމިކް ކޮމްޕްލެކްސް އާއި ދާރުލްއަރުގަމްގެ މަސައްކަތް މިހާރު ވަނީ ފްރީ ޓެންޑަރިންގ މަރުހަލާގައި ކަމަށް ރައީސް މުޢިއްޒު ހާމަކުރެއްވިއެވެ.

ކީރިތި ޤުރުއާނާ ބެހޭ ޚާއްޞަ ވަގުފް އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ ރަސްފަންނު ސަރަހައްދުން 10,000 އަކަފޫޓުގެ ބިމެއްގައެވެ. މި ބިމަކީ ކުރިން ކޮރަލް ބުލެވާޑްގެ ނަމުގައި ހިންގުމަށް ކަނޑައެޅުނު މަޝްރޫޢުގެ ބިން ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މި މަޝްރޫޢުތައް ނިމި، އޭގެ އާމްދަނީ ލިބެން ފެށުމުން، ދީނީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ޚަރަދުތައް ކުޑަވެ، ގިނަ ދީނީ ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%