ކުރީގެ ރައީސް އަބްދުﷲ ޔަމީނަށް ވަރަށް އިހުތިރާމްކުރައްވާ ކަމަށާއި އެމަނިކުފާނު ޝަރީއަތަށް އެއްވެސް ނުފޫޒެއް ނުފޯރުވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރުއީ ދާއިރާއަށް އެމަނިކުފާނު ނުފޫޒު ފޯރުވާ ކަމަށް ބުނެ ކުރާ ތުހުމަތުތައް ދޮގުކުރައްވައި ރައީސް ވިދާޅުވީ މިހާތަނަށް ދުވަހަކު ވެސް ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށެވެ. މިނިވަން މުއައްސަސާތަކަށް ބޭފުޅުން އައްޔަންކުރައްވަނީ އެ ކަމަށް ގާނޫނުން ލާޒިމްކުރައްވާތީ ކަމަށް ރައީސް ވިދާޅުވި އެވެ.
މިނިވަން މުއައްސަސާތަކަށް ބޭފުޅުން އައްޔަންކުރެއްވުމަށް ފަހު އަބަދުވެސް އިރުޝާދު ދެއްވަނީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އަމަލުކުރެއްވުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.
ކުރީގެ ރައީސް ޔާމީންގެ މައްސަލައަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ ޔާމީނާއި އަދި އެ ނޫން އެހެން އެއްވެސް މީހެއްގެ މައްސަލައަށް ވެސް ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށެވެ. އަދި ޔާމީނަކީ އެމަނިކުފާނު ވަރަށް އިހުތިރާމް ކުރައްވާ ބޭފުޅެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާއާ ގުޅިގެން ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ފުއްގިރި މައްސަލާގައި އަޑުއެހުންތައް އަލުން ފެށި ވާހަކަ ވެސް ފެނުނީ ނޫހުން ކަމަށާއި ޕީޖީ އޮފީހަކީ ވަރަށް މިނިވަންކޮށް ހިންގާ ތަނެއް ކަމަށެވެ.
"އަޅުގަނޑު ނުފޫޒެއް ނުފޯރުވަން ރައީސް ޔާމީންގެ ކޭސްއަކަށް. އަދި އެހެން އެއްވެސް މީހެއްގެ ކޭސްއަކަށް ވެސް. އަޅުގަނޑު ކުރާނެ ކަމެއް ނޫން އެއީކީ. އަޅުގަނޑު ވަރަށް ރެސްޕެކްޓް ކުރާ ބޭފުޅެއް ރައީސް ޔާމީނަކީ،" ރައީސް ވިދާޅުވި އެވެ.
"އެއްވެސް ފަނޑިޔާރަކަށް ނޯންނާނެ އަޅުގަނޑު ނުފޫޒު ފޯރުވިއޭ ބުނުމުގެ ފުރުސަތެއް. ކޯޓުތަކުން މައްސަލަތައް ތާވަލުކުރުމަކަށް، ކުރާ ހުކުމަކަށް އަޅުގަނޑު ނުބަލަން."
ރައީސް ވިދާޅުވީ ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު ވެސް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށާއި ހަޔާތުގައި ވެސް އެންމެ ގިނަ މަސައްކަތް ކުރެވިފައި ވަނީ ޔާމީންގެ ވެރިކަން ދިފާއުކޮށްދިނުމަށް ކަމަށެވެ. އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ޔަމީނަށް ކާމިޔާބުކޮށްދެއްވަން ރެއާއި ދުވާލު ބުރަ މަސައްކަތް ކުރެއްވި ކަމަށް ރައީސް ވިދާޅުވި އެވެ.
އެންމެ ފުރަތަމަ ދުވަހުން ފެށިގެން ޔާމީނަށް އިހުލާސްތެރިއެއްގެ ގޮތުގައި ހުންނެވި ކަމަށް ޔާމީން ގަބޫލުކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި ޔާމީނާ ކައިރީގައި ތިއްބެވި ބޭފުޅުން މިކަމާ ގުޅުވައި ދޮގު ވާހަކަ ފަތުރާތީ ވަރަށް ދެރަވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ ކުރިއަށް އޮތް ތަނުގައި ވެސް ޝަރުއީ ދާއިރާއަށް އަދި ކޯޓުތަކުގައި ހިނގާ އެއްވެސް މައްސަލައަކަށް އެމަނިކުފާނު ނުފޫޒު ނުފޯރުވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.