އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު އަދާލަތު ޕާޓީއާ އަލުން ގުޅިވަޑައިގެންފައިވާ ކަމަށް އަމިއްލަފުޅަށް ހާމަކުރައްވައިފިއެވެ. މި ކަން އެމަނިކުފާނު ޔަގީންކޮށްދެއްވާފައިވަނީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
"މާތް ﷲ ގެ ހަޟްރަތުން ވާގި އެދި އަދާލަތު ޕާޓީ އަށް މެމްބަރުކަމުގެ ފޯމު ހުށަހަޅައިފިން،" ޑރ. ޝަހީމް ފޭސްބުކްގައި ލިޔުއްވިއެވެ.
އަދާލަތު ޕާޓީއަކީ ރާއްޖޭގައި ތިންވަނައަށް އުފެއްދި ސިޔާސީ ޕާޓީއެވެ. މި ޕާޓީ އުފެއްދީ ޑރ. ޝަހީމް ހިމެނޭ ގޮތަށް ގިނަ ދީނީ އިލްމުވެރިން އިސްކޮށް ތިއްބަވައިގެންނެވެ. ޑރ. ޝަހީމް ކުރިން ވަނީ އަދާލަތު ޕާޓީގެ ސްލޮޓެއްގައި ހުންނަވައިގެން ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައިވެސް އިސްލާމިކް މިނިސްޓަރުކަން ކުރައްވާފައެވެ.
އެހެންނަމަވެސް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ވަކި ހިސާބަކުން ޑރ. ޝަހީމް އިސްލާމިކް މިނިސްޓަރުކަން ކުރެއްވީ ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައެވެ. ޕީޕީއެމް އުވާލި ފަހުން ޝަހީމް މިހާތަނަށް އެއްވެސް ސިޔާސީ ޕާޓީއަކާއި ގުޅިވަޑައިގެންފައެއް ނުވެއެވެ.
ޑރ. ޝަހީމް އަދާލަތު ޕާޓީއާ ގުޅިވަޑައިގަތުމާއެކު، މިއަހަރުގެ ފަހުކޮޅު އޮންނަ އަދާލަތު ޕާޓީގެ ރައީސް ހޮވުމަށް ބާއްވާ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް އިޢުލާންކުރައްވާފައިވެއެވެ. އަދި އެ މަޤާމު ލިބިވަޑައިގެންފިނަމަ އަދާލަތު ޕާޓީ ކުރިއަރުވަން ކުރައްވާނެ ކަންތައްތަކެއްވެސް ޝަހީމް ވަނީ އިޢުލާންކުރައްވާފައެވެ.
އަދާލަތު ޕާޓީގެ މިހާރުގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެފައިވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރު ދޫކުރައްވާ ޚާލިސްކަމާއެކު ޑރ. ޝަހީމް އަދާލަތު ޕާޓީގެ ލީޑަޝިޕަށް ވާދަކުރައްވާނަމަ އެކަމަށް މަރުޙަބާ ދަންނަވާ ކަމަށެވެ. ނަމަވެސް، ޑރ. ޝަހީމް ވިދާޅުވެފައިވަނީ އަދާލަތު ޕާޓީގެ ލީޑަޝިޕަށް ވާދަކުރުމަށް ވަޒީރުކަން ދޫކޮށްލަން ނުޖެހޭ ކަމަށާއި އަދާލަތު ޕާޓީގެ މެންބަރަކު ސަރުކާރުގެ މަޤާމެއްގައި ހުންނަން އެ ޕާޓީގެ ދުސްތޫރުވެސް މަނާ ނުކުރާ ކަމަށެވެ.