މާލޭގައި ފުލުހުންގެ ހުއްދަ ހޯދުމަކާ ނުލައި އެއްވެ އުޅެވޭނެ ނުވަތަ މުޒާހަރާ ކުރެވޭ ސަރަހައްދުތައް ސަރުކާރުން މިއަދު އިތުރުކޮށްދީފި އެވެ.
ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން މިހާރު ކަނޑައަޅާފައި ވަނީ އެންމެ ސަރަހައްދެއް ކަމުގައި ވާތީ، މާލޭގައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ފުރުސަތު އިތުރަށް ފަހިކުރުމުގެ ގޮތުން، އެއްވެ އުޅެވޭ ސަރަހައްދުތައް އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.
އެ އިއުލާނުގައި ބުނި ގޮތުގައި، ފުލުހުންގެ ހުއްދަ ހޯދުމަކާއި ނުލައި މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ ކާނިވާ ސަރަހައްދާއި ރަސްފަންނު ސަރަހައްދާއި އިންޑަސްޓްރިއަލް ޒޯން ސަރަހައްދު އަދި އުސްފަސްގަނޑު ސަރަހައްދުގަ އެވެ.
މީގެ ކުރިން މާލޭގައި ފުލުހުންގެ ހުއްދަ ހޯދުމަކާ ނުލައި އެއްވެ އުޅެވެނީ ކާނިވާ ސަރަހައްދަށް އެކަންޏެވެ.