ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަނބަލުން ޔާސްމިން މުޙައްމަދު މުޢިއްޒުގެ އިންސްޓަގްރާމް އެކައުންޓުން ކަމަށް ބުނެ، ރޭ ހައްޔަރުކުރެވުނު މުޒާހަރާކުރި މީހަކާ ގުޅޭގޮތުން މެސެޖެއް ފޮނުވާފައިވާކަމަށް ދައްކުވައިދޭ ސްކްރީންޝޮޓެއް މިވަގުތު ސޯޝަލް މީޑިއާގައި ދަނީ ފެތުރެމުންނެވެ. މިއީ އަމިއްލަޔަށް ތައްޔާރުކޮށްގެން، މުޖުތަމަޢުތެރޭގައި ނަފްރަތު އުފެއްދުމަށް ކޮށްގެން އުޅޭ ކަމެކެވެ.
މިކަމާއި ގުޅިގެން އާޒިމާ ވަނީ އެކްސް ޕޯސްޓެއް ވެސް ކުރައްވާފައެވެ.
ރައީސްގެ ޢާއިލާގެ ވަކީލް ޢާއިޝަތު އާޒިމާ ޝުކޫރު ވިދާޅުވީ، މިއީ ސައްޙަ ނޫން، ދޮގު މަޢުލޫމާތެއް ކަމަށާއި މިފަދަ ދޮގު މަޢުލޫމާތު ފެތުރުމުގައި ބައިވެރިވާ ފަރާތްތަކުން އެކަން ހުއްޓާލުމަށް ރައީސްގެ ޢާއިލާއިން އެދޭ ކަމަށެވެ. އަދި ރައްޔިތުންނަށް އޮޅުވާލައި މަގުފުރެއްދުމުގެ މަސައްކަތް ނުކުރުމަށްވެސް އާއިލާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.
މިފަދަ ދޮގު މަޢުލޫމާތު ފެތުރުމަކީ ޒިންމާދާރު ކަމެއް ނޫންކަމަށާއި، މުޖުތަމަޢުގެ ހަމަޖެހުމަށް ނޭދެވޭ އަސަރުކުރާނެ ކަމެއްކަން ފާހަގަކުރައްވައި އާޒިމާ ވިދާޅުވީ މަޢުލޫމާތު ޙިއްސާކުރުމުގައި އޭގެ ސައްޙަކަން ކަށަވަރުކުރުމަށްފަހު އެކަން ކުރުމަށް ރައްޔިތުންނަށް އިލްތިމާސްކުރާކަމަށެވެ.