މިއަދުގެ ހުކުރު ޚުޠުބާގައި ދެބަސްވުމާއި ޖާހިލަކަށް ގައުމެއްގެ ރައްޔިތުން އެއްގަލަކަށް ނޭރުވޭނެ ކަމަށާއި، މުސްލިމުންގެ މެދުގައި އޮންނަންވާ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ މައްޗަށް އަލިއަޅުވާލައްވައި މުހިންމު ދަރުހެއް ދެއްވައިފިއެވެ.
"ތިޔަބައިމީހުންނީ ލޯބިވާ އަޚުންތަކެއްކަމުގައިވާށެވެ!" މި ސުރުހީގައި ކިޔުނު ޚުޠުބާ އަކީ މިދިޔަ ހުކުރު ދުވަހު ނަބަވީގެ އިމާމު ޑރ. ސަލާހުލް ބުދައިރު ދެއްވި ޚުތުބާގެ ތަރުޖަމާއެވެ.
އަޅުތަކުންގެ ތެރެއިން އެކަލާނގެ ރަހުމު ކުރައްވާނީ މީހުންނަށް ރަހުމުކުރާ މީހުންނަށް ކަމަށާއި މީސްތަކުންނަށް އޯގާތެރިވާ އަޅުން ދެކެ އެކަލާނގެ ލޯބިވެވޮޑިގަންނަވާނެ ކަމަށް ޚުތުބާގައި ބަޔާންކޮށްފައިވެއެވެ.
ހުކުރުނަމާދުގެތެރެއިން: މިއަދުގެ ޚުޠުބާގައި ވަގުތު އޮއްވައި ތައުބާ ވުމަށް ގޮވާލި.
އެކަކު އަނެކަކަށް ރަހުމުކޮށް އޯގާވެރިވެ އުޅުމަކީ މަތިވެރި ކަމެއް ކަމަށާއި، އެފަދަ މީހުންނަށް މާތްﷲ ރަހްމަތް ލައްވައި، އެ ކަލާނގެ ދީލަތިވަންތަކަމުގެ ގޮވައްޗަށް ވައްދަވާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. މީގެ އިތުރުން، ކަށްވަޅުގެ އަޒާބާއި ނަރަކައިގެ ގިނި ހޫނުން މިންޖުކޮށް، ގިޔާމަތްދުވަހުގެ ބިރުވެރިކަމުން އަމާންކަން ދެއްވައި، އެ ކަލާނގެ ހިޔާވަހިކަން ދެއްވާނެ ކަމަށްވެސް ޚުތުބާުތުބާގައި ފާހަގަކޮށްފައިވެއެވެ.
މާތްﷲ ސުބްޙާނަހޫ ވަތަޢަލާ އެ ކަލާނގެ ކަލާމްފުޅުގައި، އެ ކަލާނގެ އަޅުތަކުންނަށް އަމުރުކުރައްވާފައިވަނީ، ކިޔަމަންގަތުމާއި ހެޔޮ އަމަލުތަކުގައި ކުރިއަރައިދިއުމަށްކަން ފާހަގަކޮށް ޚުތުބާގައި ގޮވައިލީ އެއްބައިވަންތަވުމަށާއި ގުޅިގެން އުޅުމަށެވެ. ބައިބައިވުމާއި ދެބަސްވުންތައް ވަނީ ނަހީކުރައްވާފައި ކަމަށާއި މާތްﷲ ހުއްދަކުރެއްވި ކަންކަމުގައި އެއްބަސްވާ، އެކަކު އަނެކަކުދެކެ ލޯބިވާ ބައެއްގެ ގޮތުގައި ދިރިއުޅުމުގެ އިތުރުން ހެޔޮކަމާއި ތަޤްވާވެރިވުމުގައި އެކަކު އަނެކަކަށް އެހީތެރިވާ ބަޔަކަށްވުމަށް ނަސޭހަތްތެރިވިއެވެ.
ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި އެންމެ ނުބައި މީހަކީ، އެ މީހެއްގެ ގައުމު ޚަރާބުކޮށް، އަމާންކަމާއި ސަލާމަތްކަން ނަގައިލައި، އަމިއްލަ މީހުންނާ ދެކޮޅަށް ހަނގުރާމަކުރާ މީހާއެވެ. މީގެ ތެރޭގައި ހަރުކަށިކަމާއި ނަފުރަތުން މީސްތަކުން ދީނާ ދުރުކުރާ މީހުންނާއި، މީސްތަކުންނާ ހުތުރު ބަހުން މުޚާތަބުކޮށް އަނިޔާވެރިވާ މީހުންނާއި، މީސްތަކުންގެ ހިތްތަކުގައި ނަފުރަތުގެ އޮށްތައް އިންދައި، އެބައިމީހުންގެ ބަދަހި ސަފުތައް ވިއްސިވިހާލި ކޮށްލާ މީހުންނާއި، ތަންދޮރު ނުދަނެ ތިބެ ފަތުވާދީއުޅޭ މީހުން ހިމެނެއެވެ. މިފަދަ އަނިޔާވެރިކަމާއި ފާޖިރުކަމުން ސިފަ ލިބިގެންވާ ބަޔަކަށް ވެސް ގައުމު އެއްގަލަކަށް ނޭރުވޭނެ ކަމަށް ޚުތުބާގައި ބަޔާންކޮށްފައިވެއެވެ.
ބަޔަކު މިސްކިތުގެ ސިޑިމަތީގައި ތިބިއިރު އެކަކު ފެންކޭސްތަކެއް ކައިރީގައި ފެންފުޅި މީހުންނަށް ދިނުމަށް ތައްޔާރުވަނީ: މިއަދުގެ ޚުޠުބާގައި ދީލަތިވުމުގެ މުހިންމުކަމާއި މީހަކު ކަމަކު އައިސްފިނަމަ ހުސްއަތާ ފޮނުވައިނުލުމަށް ގޮވައިލެއްވި.
ފުރެދުމާއި، ފަސާދައާއި، އިލްޙާދަށް ގޮވައިލައި، މުސްލިމުން ބައިބައިކޮށް ދެކޮޅުވެރިކަން އުފައްދާ މީހުންނާމެދު ބިރުވެތިވުމަށާއި، ހިކުމަތްތެރިކަމާއި މެދުމިނުގައި ހިފަހެއްޓުމަށް ޚުތުބާގައި ނަސޭހަތްތެރިވިއެވެ. މީގެ އިތުރުން، މާތްﷲ އެކަލާނގެ އަޅުތަކުންނަށް، މާތް ސިފަތަކުގެ ސަބަބުން އެއާ އެއްފަދަ ހެޔޮ ޖަޒާ ދެއްވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. މިސާލަކަށް، ޢަފޫކުރާ މީހުންނަށް ޢަފޫކުރެއްވުމާއި، އެ ކަލާނގެ އަޅުތަކުންނަށް ހެޔޮކޮށް ހިތާ މީހުންނަށް ހެޔޮކޮށް ހިއްތެވުން ހިމެނެއެވެ.
ﷲގެ އަޅުތަކުންނަށް ފައިދާއެއް ކޮށްދިނުމަކީ އެންމެ މަތިވެރި ޚުލްޤުކަން ފާހަގަކޮށް ޚުތުބާގައި ބުނެފައިވެއެވެ. މީސްތަކުންނަށް ހެޔޮކޮށް ކަންތައްކުރާ މީހުން ދިރިއުޅޭނީ އިއްޒަތާއި ޝަރަފާއި ގަދަރުވެރިކަމުގައި ކަމަށް ބަޔާންކޮށް، މީސްތަކުންނަށް ފައިދާހުރި، ހެޔޮފޯރުވައި އުޅޭ މީހަކަށް ވުމަށް ޚުތުބާގައި ގޮވައިލައްވާފައިވެއެވެ.
އެހީތެރިކަމާއި، ދީލަތިކަމާއި، ހޭދަކުރުން ދޫކޮށްނުލުމަށާއި، މުށްބާރުނުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ. ބޭނުމެއް ޖެހިގެން އަތްދިއްކޮށްލާ މީހާއަށް ކުޑަނަމަވެސް ހެޔޮކަމުގެ އަތެއް ދިއްކޮށްލުމަށް ނުވަތަ ހިތްހެޔޮކަމާއެކު ރީތިކޮށް އޭނާއަށް ޖަވާބުދިނުމަށް ޚުތުބާގައި އިރުޝާދު ދެއްވާފައިވެއެވެ.
މީހެއްގެ ނިކަމެތިކަމާ ހެދި ސަލާންޖެހުމުން ހުސްއަތާ ދާންޖެހުމާއި، ހަރުކަށިކަމާއި ނުރުހުން އެކުވިޔަނުދިނުމަށް ޚުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ. މާތްމީހާގެ ވައުދު އަވަހަށް ފުއްދާނެ ކަމަށާއި ބަޚީލުމީހާ ބުނާނީ މާދަން އަންނާށޭ ކަމަށް ޚުތުބާގައި ބަޔާންކޮށްފައިވެއެވެ. އެއްޗެއް ދޭނެކަމަށް ބުނެ ދަންމަދަންމައި ހުރުމަށް ވުރެ ޞަރީޙަ ޖަވާބުދިނުން ހެޔޮކަން ބޮޑު ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
ޚުތުބާގައި އިތުރަށް ބާރުއަޅުއްވާފައިވަނީ ތައުބާވުމާއި ހެޔޮމަގަށް އެނބުރުމުގެ މުހިންމުކަމުގެ މައްޗަށެވެ. ހަނދާންކޮށްދޭ މީހެއްގެ އަޑު އަހައި، ޙަޔާތާ މެދު ބިނާކުރަނިވި ފާޑުކިޔުންތަކަށް ކަންފަތް ދިނުމަށް ގޮވާލާފައިވެއެވެ. ތަވާޟުޢުވެރިވުމާއި ތަހައްޖުދު ނަމާދަށް ތެދުވުމުގެ މުހިންމުކަން ފާހަގަކޮށް، މުސްލިމުން ނިދިން ހޭލައި ތެދުވުމަށް އިލްތިމާސްކޮށްފައިވެއެވެ.
ޚުތުބާގައި ނަރަކައިގެ އަޒާބުގެ ވާހަކަ ބަޔާންކޮށް، އޭގެ ބިރުވެރިކަން ހަނދާންކޮށްދީފައިވެއެވެ. "ނަރަކައިގެ އަލިފާން އަނދައި ހުއްޓައި ތިބާ ނިދަނީހެއްޔެވެ! އޭގެ ހޫނު މަޑުވާނެ ދުވަހެއް ނާންނާނެއެވެ. އަދި އެއީ އޭގެ އަނގުރު ނިވޭކަށް ހުރި އަލިފާނެއް ނޫނެވެ." މިފަދައިން ބަޔާންކޮށް، މާތް ﷲގެ ކަލިމަފުޅުތަކަށް ކަންފަތް ދިނުމަށާއި، ނިކަމެތިކަމާއެކު ވެރި ރަސްކަލާނގެ ޙަޟްރަތަށް ކުއްތަންވުމަށް ގޮވާލާފައިވެއެވެ.
އަދި ޢުޛުރުވެރިކަމާއެކު އެ ކަލާނގެ ދީލަތިކަމުގެ ދޮރޯށީގައި ޓަކިޖެހުމަށާއި، ޢަފޫކުރެއްވުމަށް އެދި ދެއަތް އުފުލުމަށް ނަސޭހަތްތެރިވެފައިވެއެވެ. އިންސާނާގެ ނޭވާހޮޅިއަށް އެޅެންދެން ތައުބާގެ ދޮރުކޮޅު ހުޅުވިފައިވާކަން ހަނދާންކޮށްދީ، ތައުބާވުމަށް އަވަސްވެގަތުމަށް ބާރުއަޅުއްވާފައިވެއެވެ.
ޚުތުބާގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، މާތް ﷲއަށް ކުއްތަންވާ މީހުންނަކީ ޚަލްގުތަކުންގެ މައްޗަށް އެންމެ އޯގާތެރިވާ މީހުންނެވެ. އެހެންކަމުން، މުސްލިމުންގެ މެދުގައި އޯގާތެރިކަމާއި އެކުވެރިކަން އާލާކުރުމަށް ގޮވާލާފައިވެއެވެ. އެކަކު އަނެކަކަށް އެހީތެރިވެ، ދީލަތިވެ، ހެޔޮކަންތައް ކުރުމުގައި ވާގިވެރިވުމަށް ބާރުއަޅުއްވާފައިވެއެވެ.
(ނޯޓް: ލިޔުއްވީ އަލްއުސްތާޛް ޢަލީ އާދަމް)